ކޮންމެހެން ދަތުރެއް ކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ދަތުރުތައް ނުކުރުމަށާއި ދަތުރެއް ކުރާނަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ނޫނީ ދަތުރުތައް ނުފެށުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފް އިން މިރޭ ވިދާޅުވީ ދަތުރުކުރައްވާ ނަމަ އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށްފަހުގައި ނޫނީ ދަތުރުނުކުރެއްވުމަށާއި ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް ދަންނަވާ ކަމަށެވެ.

އަދި ރޭގަނޑު ދަތުރުތަށް ކުރައްވާނަމަ އިތުރަށް ސަމާލުވުމަށާއި އަދި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެއިތުރުން ޑައިވިންގ ކުރުމާއި އެހެނިހެން މޫދުކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ކުޅިވަރުތަށް ރާވާ ހިންގެވުމަށާއި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ސަމާލުކަންދިނުމަށް ވެސް އެމްއެންޑީއެފް އިން އެދިވަޑައިގަންނަވައެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ރާއްޖެގެ އުތުރުގެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ތޫފާނަކަށް ބަދަލުވުމާއި ގުޅިގެން ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ސަރަހައްދުތަކަށް ގިނަ އަދަދަކަށް ވިއްސާރަ ވިލާ އަރަމުން ދާނެކަމަށާއި އަދި ރާއްޖޭގެ ރަށްތަކަށް، ހާއްސަކޮށް އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މައުލޫމާތު ދެއްވާފައެވެ. މި ތޫފާން ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި އިތުރަށް ބާރުގަދަވެ، ރާއްޖެގެ ހުޅަނގު އުތުރަށް ރާއްޖެއާއި ދުރަށް އަރަބި ކަނޑަށް ޖެހުމުން ދާނެކަމަށް ވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މައުލޫމާތު ދެއްވާފައެވެ.

އަދި މިތޫފާނާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއި އެކު އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާ ކުރާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން، މޫސުމަށް އަންނަ ބަދަލުތައް، މޫސުމާއި ބެހޭއިދާރައިން އޮޅުން ފިލުވުމަށްފަހު ދަތުރުތަށް ރޭވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރައްވައެވެ.