ކުޅުދުއްފުށީ "ކަކާގެ" ގޭގައި ބަހައްޓާފައިހުރި ސައިކަލެއްގައި އަލިފާން ރޯކޮށްލި މައްސަލާގެ މީހަކު ހައްޔަރުކޮށްފި އެވެ.

މިމަހު 22 ވަނަ ދުވަހު ރޭ ފަތިހު 4 ޖަހާއިރު ހިންގި މި ހާދިސާގައި ސައިކަލުގެ އިތުރުން އެ ގޭގެ އަސްކަނީގެ ސީލިންގ އާއި ރަށު ޕިކަޕެއްގައި އަލިފާން ރޯވެ ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހާގެ ބަންދުގެ މުއްދަތަށް 7 ދުވަސް ކުޅުދުއްފުށީ ކޯޓުން ޖަހާދީފައިވާ ކަމަށެވެ.

ކަކާގޭގެ ތެރޭގައި ހުރި ސައިކަލުގައި ބަޔަކު ގަސްތުގައި ރޯކޮށްލީކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ މިމަހުގެ 23 ވަނަ ދުވަހު ވިދާޅުވެފައެވެ.

އެ ހާދިސާގައި، ކަކާގެއާ ޖެހިގެން ހުރި ނަހާގެއަށް ވެސް ކޮންމެ ވެސް ވަރަކަށް އަލިފާނުގެ އަސަރުކޮށްފައި ވެ އެވެ. ނަމަވެސް އެއްވެސް މީހަކަަށް އަނިޔާއެއް ނުވެ އެވެ.

އަލިފާން ރޯވި ސައިކަލަކީ، ކުޅުދުއްފުއްޓާއި ޖެހިގެން އޮންނަ ނޮޅިވަރަމް މީހެއްގެ ސައިކަލެކެވެ. އޭނާ އަކީ، ކަކާގޭގައި ވަކިން ހުުރި ކޮޓަރިއެއްގައި ކުއްޔަށް އުޅޭ މީހެކެވެ. ހަމަ އެ ގޭގައި ފިހާރައެއް ވެސް އޭނާ ހިންގަ އެވެ.

ސައިކަލުގައި ރޯކޮށްލާފައިވަނީ، ގޭގެ ގޭޓްމަތިން އަރައިގެން ދަނޑިބުރިއެއްގައި ފޮތިގަނޑެއް އައްސައިގެން ކަމަށް ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެ ސަރަހައްދުން އެ ދަނޑިގަނޑު ފެނިފައިވާ ކަމަށް ވެ އެވެ.