ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ ޖަމީލް އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަސްމާ ޝަފީއު އައްޔަންކޮށްފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނާއި މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ.

ރައްޔިތުންގެ މަޖިލީހުން މި ދެ ބޭފުޅުންނަށް ރުހުން ދެއްވީ މިދިޔަ ހޯމަ ދުވަހުއެވެ.

ފަތުހުﷲ އަށް ރުހުން ދިނުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަސްމާ އަށް ރުހުން ދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 81 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މީރާގެ މި ދެމަގާމު ހުސްވީ ޓެކްސްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ގެނައި އިސްލާހަކާ ގުޅިގެންނެވެ. މި ދެ މަގާމުގެ ތެރެއިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޔަޒީދު މުހަމަދެވެ. އަދި ޑެޕިއުޓި ކޮމިޝަނރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވީ ހަސަން ޒަރީރެވެ.