ޕޯސްޓް އަދި ކޫރިއާ ސާވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ލޯކަލް ކޫރިއާ އެޖެންޓުގެ ޙާޒިރުގައި ޕާރުސަލް ނުވަތަ ޕެކޭޖް ހުޅުވައިގެން ބަލައި ފާސްކުރާ ހާލަތުގައި ކަސްޓަމްސްއިން ޗެކްކޮށް ނިމުމުން އެތަކެތީގައި ކަސްޓަމްސްގެ ޚާއްސަ ޓެމްޕާ އެވިޑެންޓް ސްޓިކާ އެއް ޖަހާގޮތަށް ހަމަޖައްސައިފިއެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި އެކަން ކުރަން ފަށާނީ މާދަމައިން ފެށިގެންނެވެ. އެގޮތުން އެ ސްޓިކާ ޖަހަން ހަމަޖެހިފައިވަނީ އެ ޕާރުސަލެއް ނުވަތަ އައިޓަމެއް ޗެކްކޮށް ނިމި ލޯކަލް ކޫރިއާ އެޖެންޓު އެ ޕެކޭޖް ބަންދު ކުރުމުން، އެ ޕެކޭޖް ބަންދުކުރި ޓޭޕް މަތީގައި ހުރަސްވާ ގޮތަށެވެ. އަދި ސްޓިކާގައި، ޕެކޭޖް ހުޅުވި ތާރީހާއި، ގަޑި ނޯޓުކޮށް ކަސްޓަމްސްގެ އިޖުރާއަތްތައް ފުރިހަމަ ކުރިކަން އެނގޭނެ ގޮތަށް ކަސްޓަމުން ސޮއި ކުރާނެ އެވެ.

މީގެ އިތުރުން ކަސްޓަމްސްއިން ބުނީ ބަލާ ފާސް ކުރިކަން ދޭހަވާ ގޮތަށް، އެއްވެސް އެހެން ފަރާތަކުން ކަސްޓަމްސްގެ ނަން ބޭނުން ކޮށްގެން، މުދަލުގެ ބޭރުގައި ޓޭޕް އަޅާ، އިސްޓިކާފަދަ ތަކެތި ހަރުކޮށް ހެދުމަކީ މަނާ ކަމެއް ކަމަށެވެ.