މާލޭގައި ތިޖޫރީއެއް ވަގަށް ނަގައިގެންގޮސް މިސްކިތެއްގައި ފޮރުވި މީހަކު ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، މާފަންނު ފޮލިސް އިން އޭނާ ހައްޔަރު ކޮށް، ވަގަށް ނަގާފައިވާ ތިޖޫރި މިސްކިތް ތެރެއިން ހޯދާފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ، އޭނާ އަތުލާފައި ވަނީ ހުއްދަ ނުހޯދާ މީހެއްގެ ގެއަށް ވަދެ އުޅެނިކޮށް ކަމަށާއި، އޭނާގެ އަތުގައި އެއިރު ލޭ ހުރި ކަމަށެވެ.

އަދި އޭނާ މަސައްކަތްކޮށްފައި ވަނީ އޭނާ ވައްކަން ކުރި ގޭގެ ފާރުމަތިން ފުންމާލައިގެން ދާން ކަމަށާއި، ކަން ދިމާކުރިގޮތުން އެ ފާރުމަތީގައި ފުޅިތޮށި ޖަހާފައި ހުރުމުން އޭގެން އޭނާގެ އަތް ކަނޑައިގެން ދިޔައީ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާގެ އަތުގައި ލޭ ހުރީ އެހެންވެ އެވެ.

"އަހަރުމެން އޭނާ ހައްޔަރުކޮށް އިތުރަށް ބެލި ބެލުމުން، ވަގަށް ނެގި ތިޖޫރި މިސްކިތުގެ ގޯތި ތެރެއިން ވަނީ ފެނިފައި"، ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ، އެ މީހާ ވަގަށް ބެގި ތިޖޫރި ވެރިފަރާތާއި ހަވާލުކޮށްފައެެވެ.