ދަރިންނަށް ޤުރުއާން އުގަންނައިދިނުމަށާއި އެފޮތުގެ މަތިވެރިކަމާއި މާތްކަން ދަސްކޮށްދިނުމަށް މިއަދުގެ ހުތުބާގައި ވިދާޅުވެއްޖެއެވެ.

"ކީރިތި ޤުރުއާނަށް މާތްކޮށް ހިތުން"މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާގައި ވިދާޅުވެފައި ވަނީ ކީރިތި ގުރުއާނަކީ މާތް ﷲގެ ރަސޫލާ (ސ.އ.ވ) އަށް އެކަލާނެގް ބާވައިލެއްވި އެކަލާންގެ ކަލާމް ފުޅުކަމަށާއ،ި އަދި އެފޮތަކީ މާތް ﷲ އަހަރެމެންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ބާވައިލައްވައިފައިވާ އިލާހީ ޤާނޫނު ކަމަށާއި، އެއީ މުސްލިމުންގެ ދިރިއުޅުމުގެ މަންހަޖު ކަމަށެވެ.

އެހެން ކަަމުން އެންމެހާ މުސްލިމުން އެފޮތް އުނގެނި، ގުރުއާނުގައިވާގޮތަށް އުޅުމާއި ސުލޫކު ބައްޓަން ކުރަންޖެހޭ ކަަމަށް ހުތުބާގައި ވިދާޅުވިއެވެ. އަދި ދަރިންނަށް ޤުރުއާން އުގަންނައިދީ އެފޮތުގެ މާތްކަމާއި މަތިވެރިކަން ދަސްކޮށްދޭނެ ޖެހޭ ކަމަށްވެސް ހުތުބާގައި ވިދާޅުވިއެވެ. ހުތުބާގައި ވިދާޅުވެފައި ވަނީ އެކުދިންގެ ހިތްތަކުގައި ގުރުއާނާއި މެދު ލޯބި ޖައްސައި، އެފޮތައް އިހްތިރާމް ކުރުމަށް ދަސްކޮށްދޭން ޖެހޭ ކަަމަށެވެ.

ހުތުބާގައި ވިދާޅުވެފައި ވަނީ އާހިރަތް ދުވަހަށް ބިރުގަންނަ މީހާ ގުރުއާނަށް މާތްކޮށް ހިތާނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެމަތިވެރި އިލާހީ ކަލާމްފުޅާއި ދުރައް ގޮސްފައި ކަމަށާއި އެފޮތް ތިލާވަތުކޮށް ގުރުއާން އުނގެމުނާއި ދުރުވެ، އޭގައިވާ ހުކުމްތަކާއި ހިލާފުވެފައި ވުމުން ގިނަ ބަޔަކު ވަނީ ދީނާއި ދުރުވެފައި ކަމަށް ހުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

އަދި ގުރުއާނަށް ކަމޭހިތުމަކީ އަހަރުމެންގެ އީމާންކަމާއި ގުޅިފައިވާ ކަމެއް ކަމަށާއި އަދި އާޚިރަތް ދުވަހަށް ބިރުވެތިވާ މީހާ ގުރުއާނަށް ކަމޭ ހިތާނެ ކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ މީހުން ގުރުއާނަށް އިހާނެތިކޮށް ހިތުންފަދަ އަމަލުތައް ކުރުމާއި ދުރުހެލިވާނެ ކަމަށްވެސް މިއަދުގެ ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން ހުތުބާގައި ވިދާޅުވެފައި ވަނީ ކީރިތި ގުރުއާނުގެ އާޔަތެއް ނުވަތަ މާތް ﷲ ގެ އިސްމަފުޅު ލިޔެވިފައިވާ ނޫސް މަޖައްލާއެއް، ސުކޫލު ކިޔަވާ ފޮތެއް، ނުވަ ކަލަންޑަރެއްވެސް ބިންމައްޗަށް އެއްލާލުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށެވެ. އެހެން ކަމުން މި "މުޤައްދަސު" ފޮތަށް މާތްކޮށް ހިތުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށް ހުތުބާގައި ވެއެވެ.