މާލީގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓި އަޑިއަޅާލާފައިވާ ރާއްޖޭގެ އެންމެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކުލަބަށް ގިނަ ފުރުސަތުތަކެއް ދިނުމަށްފަހުވެސް ކަންތައްތައް އިސްލާހު ނުކުރުމުން އެފްއޭއެމްއިން އެ ކްލަބަށް އެންމެ ފަހުގެ އިންޒާރު ދީފިއެވެ.

ވިކްޓްރީ އަށް އެފްއޭއެމް އިން އިންޒާރު ދީފައިވަނީ އެ ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލަ އާއި، މުސާރައިގެ ގޮތުގައި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ އާއި ކޯޗުންނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ކުޅުންތެރިންނާ ކޯޗުން އެފްއޭއެމަށް ހުށަހަޅާފައިވާ މައްސަލައިގެ އިތުރުން ކްލަބު ލައިސަންސިން އާއި ގުޅޭގޮތުން ހަމަކުރަންޖެހޭ ލިޔުންތައް ހަމަކޮށްފައިނުވާތީ، އެ މައްސަލަތައް ބެލުމަށްފަހު އެވެ.

އެފްއޭއެމުން ބުނީ މި މަހުގެ 15 ގެ ކުރިން ކުޅުންތެރިންނާއި ކޯޗުންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދީ ޚަލާސްކުރުމަށް ވިކްޓްރީ އަށް އަންގާ ކަމަށާއި އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 13 ވަނަ މާއްދާގެ (1) (a) އާއި އެއްގޮތްވާ ގޮތުގެ މަތިން އެ އެންގުމާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ، އަސާސީ ގަވާއިދުގެ 35 ވަނަ މާއްދާގެ (3) (o) އަދި 37 ވަނަ މާއްދާގެ (1) އާއި އެއްގޮތްވާ ގޮތުގެ މަތިން އެ ގަވާއިދުގެ 14 ވަނަ މާއްދާގެ (1) އިން އެ އެސޯސިއޭޝަނުގެ އެގްޒެކްޓިވް ކޮމިޓީއަށް ލިބިދޭ ބާރުގެ ތެރެއިން ވިކްޓަރީ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކުރެވޭނެ ވާހަކަ ދަންނަވާ ކަަމަށެވެ.

މީގެ އިތުރުން ވިކްޓްރީން ލީގުގެ މެޗުތަކަށް މުބާރާތުގެ ގަވާއިދާ އެއްގޮތަށް ހާޒިރުވަމުންނުދާތީ ޑިސިޕްލިނަރީ ކޯޑުގެ ދަށުން ފިޔަވަޅު އެޅުމުން ވެސް އެކަން ހައްލު ވެފައިނުވާތީ މިއަދުން ފެށިގެން ވިކްޓްރީ އަށް އިތުރު ކުޅުންތެރިޔަކު ނުގެނެވޭ ގޮތަށް ޓްރާންސްފާ ހުއްޓުވަން އެކްސްކޯ އިން ފާސްކޮށްފައިވާ ކަމަށެވެ. އަދި މިހާރު މެދުކަނޑާލާފައިވާ ލީގު އަލުން ފަށައި ޑިސެމްބަރު 13 ގައި ވިކްޓްރީން ކުޅެން އޮތް މެޗަށް އެޓީމު ހާޒިރުނުވެއްޖެ ނަމަ ޑިސިލްޕިނަރީ ކޯޑުގެ ދަށުން ވިކްޓްރީ ލީގުން ވަކިކުރާނެ ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ.

ވިކްޓަރީއަށް މިހާތަނަށް އެކުލަބަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ގިނަ ފުރުސަތުތަކެއް އެފްއޭއެމުން ވަނީ ދީފައެވެ. އެގޮތުން ކްލަބުގެ ދަރަނިތައް ދެއްކުމަށް މީގެ ކުރިން އެފްއޭއެމުން ވަނީ އެކުލަބަށް ލޯނުތައްވެސް ދީފައެވެ.

ވިކްޓަރީއަށް އެންމެ ފަހުން ސަސްޕެންޝަނުގެ އިންޒާރު ދިންއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ސީޒަނުގައި އެޓީމުން ނުކުޅެ ދިޔަ މެޗުތަކުގެ އަދަދު މިހާރު ވަނީ ހަތަރަކަށް އަރާފައެވެ.

ވިކްޓްރީން މީގެ ކުރިން ބުނަމުންދިޔައީ މެޗުތަކަށް ޓީމު ހަމަވުމުގައި ދަތިތަކެއް ދިމާވީ 19 އަހަރުން ދަށުގެ ގައުމީ ޓީމާއެކު އެ ޓީމުގެ ގިނަ ކުޅުންތެރިން ބޭރުގެ މުބާރާތްތަކަށް ގޮސްފައިވުމުން ކަމަށެވެ. އެކަމަކު ޒުވާން ގައުމީ ޓީމު އެނބުރި ރާއްޖެ އައި ފަހުން ވެސް ވިކްޓްރީގެ ކުޅުންތެރިން ހަމައަށް ހާޒިރުވިތަނެއް ނުފެނެއެވެ. މެޗުތަކަށް ހާޒިރުނުވުމުގެ ކުށް ތިންފަހަރު އމތަކުރާރުކުރުމުން އެފްއޭއެމުން ދާދިފަހުން ވަނީ ބޮޑު އަދަދަކުން އެ ޓީމު ޖޫރިމަނާވެސް ކޮށްފައެވެ.

ވިކްޓްރީއާ އެކު ރާއްޖޭގެ ފުޓްބޯޅައިގެ ކާމިޔާބު ތާރީހެއް އޮތް ނިއު ރޭޑިއަންޓުން ވެސް ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދޭތީ އެފްއޭއެމްގެ ސަސްޕެންޝަނަކާއި ކުރިމަތިލާން ޖެހުނެވެ. އޭގެ ތެރެއިން ވިކްޓްރީ އަށް މި ސީޒަނުގައި ވާދަކުރުމުގެ ފުރުސަތު ލިބުނީ އެ ކްލަބުން މިދިޔަ އަހަރު ކުޅުންތެރިންނަށް ދޭން ހުރި ފައިސާ ދޭން އެއްބަސްވުމުންނެވެ.

ވިކްޓްރީ އަށް ދިމާވެފައިވާ މާލީ ހާލަތުން އެ ކުލަބު އަރައިގަންނަން ބޮޑު ހޭދައެއް ކުރަން ޖެހޭ އިރު އެ ތަނަވަސްކަން ކުލަބުގެ މެނޭޖްމެންޓުގައި ނެތްކަން އެ ކުލަބުން ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ. ކްލަބުގެ ޗެއާޕާސަން ޑރ. އިބްރާހިމް ނާޝިދު ވިދާޅުވެފައިވަނީ އެ ކްލަބަށް މި އަހަރު ލިބުނު ހުރިހާ ފައިސާއެއް ވެސް ހޭދަކުރަނީ މިދިޔަ އަހަރުގެ ދަރަނިތައް ހަލާސްކުރަން ކަމަށެވެ.

ލީގުގައި މިއަހަރު ވާދަކުރާ ވިކްޓަރީ ޓީމުން މިހާތަނަށް 12 މެޗު ކުޅެފައިވާއިރު، އަދި އެޓީމަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސައިން

    ވިކްޓްރީގެ އެންމެ ބާރު ހުރި ދުވަސްވަރު އެ ޓީމުގެ ނުފޫޒު ގަދަ ބަޔަކު ވެގެން ރާއްޖެތެރޭގެ ޓީމުތައް ހަލާކު ކޮއްލި ހަނދާން މިއަދު އެބަ ހުރިބާ. މިރާއްޖޭގެ ފުޓްބޯޅަ ހަލާކު ކުރިބަޔަކީ ތީ. ބަޔަކަށް ދެރަ ދީފަ އަބަދު އުފަލުގަ ނޫޅެވޭނެ.