މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.

ތ. ތިމަރަފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 18 އަހަރުން ދަށުގެ އެކުއްޖާ ހައްޔަރުކޮށްފައި ވަނީ، ތ. ގާދިއްފުށިންނެވެ.

ފުލުހުން ވިދާޅުވީ، ގާދިއްފުށީގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށެވެ.

މިއޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެކުއްޖާ ހައްޔަރުކޮށް އެކުއްޖާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ސެލޯފިންކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 18 އަހަރުން ދަށުގެ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ތިމަރަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޯލިހުބޭ

    މިކަންކަންވެސް މިހާރު މިހުންނަނީ އަރަތެއްހެން. ތިމަރަފުށީ ޕޮލިސް ސްޓޭޝަޏާގުޅިގެން ފުލުހުން ހިންގިއޮޕަރޭޝަނުގައި 18އަހަރުން ދަށުގެ ކުއްޖާ ހައްޔަރު ކުރީ ގާދިއްފުށިން. ބަންދާމެދު ގޮތެއްނިންމަން ވޭވަންޑޫކޯޓަށް. ގާދިއްފުށީ ކޯޓުން ބަންދުގެ މުއްދަތު ނުޖެހެނީބާ؟

  2. ސަދޫމް ކޮމިޝަން

    މިއޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެކުއްޖާ ހައްޔަރުކޮށް އެކުއްޖާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ސެލޯފިންކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންވީމަ ދޫކޮއްލަން ޖެހޭނީ އެއީ މަސްތުވާ ތަކެތި ނޫން ވީމަ. ޝައްކުވެގެން މީހަކު ހިފާ ހައްޔަރެއް ނުކުރެވޭނެ.