ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ލީގުގެ ފުލުގައި އޮތް ޑިޖޯނުން ޗެމްޕިއަން ޕީއެސްޖީ ބަލިކޮށްފި އެވެ.

ލީގުގައި ރޭ ސްޓޭޑް ގޭސްޓަން ޖެރާޑްގައި މިދެޓީމް ބައްދަލުކުރި މެޗު ޑިޖޯޖުން ކާމިޔާބުކޮށްފައިވަނީ 2-1 އިންނެވެ. މި މެޗުން ބަލިވި ކަމުގައިވިޔަސް ޕީއެސްޖީ އަދިވެސް އޮތީ ލީގު ތާވަލުގެ އެންމެ ކުރީގައެވެ. އެ ޓީމު އެއް ވަނައިގައި އޮތީ 12 މެޗުން 27 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނޯންޓެސް އަށް 11 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ. ރޭގެ މޮޅާ އެކު ޑިޖޯން ވަނީ 18 ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް 12 މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ޕީއެސްޖީ މޮޅު ނުވުމުން ލީގުގެ އެއް ވަނައިގައި އެ ޓީމުގެ ލީޑު ފަސް ޕޮއިންޓަށް ކުޑަވުމުގެ ފުރުސަތު އެބައޮތެވެ. ދެ ވަނައިގައި އޮތް ނޯންޓެސް މިރޭ ކުޅޭނީ ބޯޑޯއާ ދެކޮޅަށެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ޕީއެސްޖީންނެވެ. ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި އެންހެލް ޑިމަރިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަައި އެޓީމަށް ލީޑު ނަގަައިދިނީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އެވެ. ޑިޖޯނުން މެޗުގެ ނަތީޖާ އަނބުރާލީ ފުރަތަމަ ހާފުގެ އިތުރު ވަގުތާއި ދެ ވަަނަ ހާފްގެ ކުރީކޮޅުގައި ލަނޑުތައް ޖަހައިގެންނެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޑިޖޯނަށް އެެއްވަރުކޮށްދިނީ މުނީރު ޗޮއާ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ޑިޖޯނަށް ލީޑު ނަގައިދިނީ ޔޮންދާ ކާޑިޒް އެވެ.

ޑިޖޯނުން މެޗުގައި ލީޑު ނެގުމުން ނަތީޖާ އެއްވަރުކުރަން ޕީއެސްޖީން ކުރިއަށް ޖެހިލައި އިދިކޮޅު ގޯލަށް ނުރައްކާ ކުރެވޭތޯ ބެލިއެވެ. ނަމަވެސް މިވަގުތު ރަނގަޅު ފޯމެއްގައި ހުރި މައުރޯ އިކާޑީ އާއި އެޑިންސަން ކަވާނީގެ އިތުރުން އެމްބާޕެ ފޮނުވާލި ބޯޅަތައް ގޯލަކަށް ބަދަލުވާގޮތެއް ނުވިއެވެ.

މެޗައްފަހު ވާހަަކަދަަައްކަމުން ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މި މެޗުގައި އެ ޓީމުގެ ފަރާތުން ރަނގަޅަށް ދިޔައީ ވަރަށް މަދު ކަމެއް ކަމަށާއި ފުރަތަމަ ހާފުގައި ޕީއެސްޖީއަށް މެޗު ގެއްލިގެންދިޔަ ކަމަށެވެ. ޓުޗެލް ބުނީ ދެވަނަ ހާފުގައި އޭނާގެ ޓީމުގެ އެޓޭކް ރަނގަޅު ވެގެންދިޔަކަމުގައި ވިޔަސް މެޗުގެ ކޮންޓްރޯލް ޕީއެސްޖީއަށް ނުލިބުނު ކަމަށެވެ.

" އަހަރެމެންގެ ފަރުވާކުޑަކަމުން ބަލިވީ. އެޓޭކްގައި ވެސް ޑިފެންސްގައި ވެސް ފެނުނީ އެއްވެސް ޖޯޝެއް ނެތި ކުޅުނުތަން. އަހަރެން އުއްމީދުކުރީ އެއަށްވުރެ އަވަސް އަދި އެގްރެސިވް ކުޅުމެއް ފެނިގެންދާނެ ކަމަށް. ފުރަތަމަ ހާފުގަައި އަހަރެމެންނަށް ހެދުނީ އެންމެ ތިން ހަމަލާ. އެ ހާފުގައި ހަގީގަތުގައި މެޗު އަހަރެމެންނަށް ގެއްލިގެންދިޔައީ، " ޓުޗެލް ބުންޏެވެ.