ށ. ޅައިމަގުގައި ގެއްލިގެން ހޯދި ބަންގްލަދޭޝް މީހެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލައިގެ ޝަރީއަތް ހޯމަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މިިމައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުގެ މެންދުރުފަހު 1:00 އަށެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެރޭ ށ.ޅައިމަގު ކުރިމަގު ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރުގެ މައްސަލައިގައި 3 މީހެއްގެ މައްޗަށް ދައުވާ ކުރާއިރު، އެ މީހުންނަކީ ކުރިމަގު ބޯޓުގައި ލުތުފަރުއާ އެކު މަސައްކަތް ކުރި ބަންގްލަދޭޝްގެ 3 ރައްޔިތުން ކަމަށްވާ އަލަމިން، ނޫރުލްއިސްލާމް، އަދި އެމްޑީ އަހްތަރު ހުސެއިން އަށެވެ. އެ ތިން މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.

ކުރެވުނު ތަހުގީގުތަކުގެ އަލީގައި މީގެ ކުރިން ފުލުހުން ބުނެފައިވަނީ ލުތުފަރު މަރާލާފައިވަނީ ކުރިމަގު ބޯޓުގެ ތައްޓު (ބޯޓުގެ ފަހަތް) މައްޗަށް އޭނާ ވައްޓާލައި ނޭވާ ހާސްކޮށްގެން ކަމަށާއި އޭނާ މަރާލާފައިވަނީ އޭނައާއެކު ކުރިމަގު ބޯޓުގައި މަސައްކަތް ކުރި މީހުންނާމެދު ގަދަކަމުން އެއް ޖިންސުގެ ގުޅުން ހިންގަން އުޅުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށެވެ. މީގެ އިތުރުން އޭނާ މަރާލުމަށްފަހު ހަށިގަނޑު ކަނޑު ފައްތާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

"ބޯޓަށް އޭނަ އެރުވުމަށްފަހު، އޭނާ ލައިގެން ހުރި ފަޓޫލޫނު ބާލާ، އެހެން ފަޓުލޫނެއް ލައްވާ، އާއްމުކޮށް އޭނަ ނިދަން އޮންނަ ތަންމަތީގަ އޭނަ ބޭއްވި. އެހެން އެކަން ކޮށްފައި އެވަނީ ބޯޓަށް އަރާ މީހަކަށް އޭނަ ފެނިއްޖެ ނަމަ، އޭނަ އެ އޮންނަނީ ނިދާފަ ކަމަށް ދެއްކުމުގެ ގޮތުން. އެއަށްފަހު އޭނާގެ ހަށިގަނޑަށް ހަދާނެ ގޮތަކާއި މެދު މަޝްވަރާ ކުރުމަށްފަހު 2019 އެޕްރީލް 22 ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު ލުތުފަރު ހަށިގަނޑު ކަނޑު ފެއްތުމަށް ނިންމާ، ތިން މީހުން ވެގެން އޭނާގެ ހަށިގަނޑު ކުރިމަގު ބޯޓު އޮތް ދިމާ ފަޅުތެރެއަށް ގެނައިކަން ފާހަގަކޮށްލެވޭ. އަދި ބޯޓުގައި ފެން އެޅުމަށް ބޭނުންކުރާ ވިހި ލީޓަރުގެ ތިން ހަން އެ ފަރާތްތަކާއި އެކު މޫދަށް ބާލައި، އެ ތިން މީހުންވެސް މޫދަށް ފޭބުމަށްފަހު އެ ހަންތަކުގެ އެހީގައި ލުތުފަރުގެ ހަށިގަނޑު މޫދުގައި ދަމާފައި ގެންގޮސް އެ ދިމާ ބޭރު ތޮށިމަތިން ކަނޑާއި ވީ ދިމާ ބޭރަށް ހަށިގަނޑު ބާލާފައިވޭ. ދެން އެމީހުން ގެނައި ދެ ގޯންޏަކަށް، އެ ތޮށިގަނޑު މަތިން ހިލައާއި ވެލި އެޅުމަށްފަހު، އޭނާގެ ފަޔާއި، އުނަގަނޑުގައި އައްސާފައިވޭ. މި ދެންނެވި ދެ ބަސްތާގެ އިތުރުން ބޮޑު ގަލެއް އޭނާގެ ހަށިގަނޑުގައި އެއްސުމަށްފަހު، ހަންތަކުގެ އެހީގައި އެ ދިމާ ބޭރަށް އޭނާގެ ހަށިގަނޑު ގެންދިއުމަށް އެމީހުން މަސައްކަތް ކުރި. އެހެންނަމަވެސް، ބަސްތާތަކުގެ ބަރު ބޮޑުވުމުން އޭނާގެ ހަށިގަނޑު ނުގެންދެވުމުން، އެއް ބަސްތާ މޮހާލުމަށްފަހު، ބާކީ ހުރި އެއްޗެއްސާއި ހަންތަކާއި އެކު ކަނޑަށް ދޫކޮށްލަން ނިންމި. އަދި އޭނާގެ ހަށިގަނޑުން ހަންތައް ނައްޓާލުމަށްފަހު، ދެން ހުރި ބައިތަކާއި އެއްކޮށް އޭނާގެ ހަށިގަނޑު އަޑިއަށް ފައްތާލިކަން ފުލުހުންގެ ތަޙުޤީޤަށްވަނީ ޔަޤީން ކުރެވިފަ. ދެން އެ ހަންތައް ހިފައިގެން އެ ތިން މީހުން ފަތާފައިގޮސް ބޯޓަށް އެރުމަށްފަހު، އެ ރޭ އެމީހުން ނިދުމަށްފަހު، އެރޭ ފުރުމަށް ބޯޓުގެ ކެޕްޓަން އައުމުން، ލުތުފަރު ކޮބައިތޯ އެމީހުން ކައިރި ސުވާލުކުރުމުން އެމީހުންނަށް ލުތުފަރު ވީ ތަނެއް ނޭނގޭކަމަށް ބުނެފައިވާ ކަމަށް ތަޙުޤީޤަށް ވަނީ އެނގިފަ. އަދި އޭނާ ފެނޭތޯ ރަށުތެރެ ބެލުމަށްފަހު ނުފެނުމުން، ބޯޓު ވަނީ މާލެދިއުމަށް ފުރާފައެވެ."މި މައްސަލައާއި ގުޅިގެން މަޢުލޫމާތު ދެއްވި، ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާރޓްމަންޓްގެ ހެޑް، ސްޕްރިންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާޢު ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ބޭއްވި އެންމެ ފުރަތަމަ އަޑުއެހުމުގައި އެ ތިން މީހުން ވަނީ އެމީހުން ކުށަށް އިއުތިރާފްވެފައިވަނީ ފުލުހުން އެމީހުންނަށް އަނިޔާކޮށް ބިރުދެއްކުމުން ކަމަށް ބުނެފައެވެ. އަދި އެމީހުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް ޕީޖީން ވަނީ ލުތުފަރު މަރާލި މައްސަލައިގެ ތަހުގީގުގައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ފުރިހަމަ ކުރަން އިތުރު މުއްދަތެއް ދިނުމަށް ވެސް ކްރިމިނަލް ކޯޓުގައި އެދިފަ އެވެ. އެއީ މައްސަލައިގައި ދައުވާ ކުރި ތިން މީހުން ކުށަށް އިއުތިރާފުވެ، ޕީޖީއާ އެކު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާފަދައިން ކުށުގެ އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާތީއެވެ.