އައްޑޫސިޓީ ހުޅުމީދޫގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އޮފީހުގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ އޮފީހުގައި ރޯވީ މިއަދު މެންދުރުފަހު 2:45 ހާއިރުއެވެ. މި ހާދިސާގައި ވެމްކޯ އޮފީހުގެ އިތުރުން ހުޅުމީދޫ ކުނި ޖަމާކުރާ ސަރަޙައްދުގައި ވެސް ވަނީ ރޯވެފައެވެ. ހުޅުމީދޫ ވެމްކޯ އޮފީސް ވެސް ހުންނަނީ މި ސަރަޙައްދުގައެވެ.

ހުޅުމީދޫ ވެމްކޯ އޮފީހުގައި ރޯވެފައި - ވަގުތު އިމޭޖަސް

މި ސަރަޙައްދުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފާއި ފުލުހުންގެ އިތުރުން އެރަށު މަގު ހެދުމުގައި ޙަރަކާތްތެރިވާ ސިއެރާ ކުންފުނިން މަސައްކަތް ކުރަމުނދާއިރު، އަލިފާންގަނޑު ކޮންޓްރޯލް ނުވެ އިތުރަށް ފެތުރެމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ހުޅުމީދޫ ވެމްކޯ އޮފީހުގައި ރޯވެފައި - ވަގުތު އިމޭޖަސް

އެނގިފައިވާ ގޮތުގައި އެންމެ ފުރަތަމަ ރޯވީ ކުނި ޖަމާކުރާ ސަރަޙައްދުގައެވެ. ވެމްކޯ އޮފީހުގައި ރޯވީ، އަލިފާންގަނޑު ކޮންޓްރޯލް ނުވެ އޮފީސް ހުރި ހިސާބަށް ފެތުރުމުންނެވެ.

މި ހާދިސާ އާއި ގުޅިގެން ވެމްކޯއިން "ވަގުތު" އަށް މަޢުލޫމާތު ދީފައިވާގޮތުގައި، އެންމެ ފުރަތަމަ ރޯވީ، "ރީސައިކަލް" ކުރުމަށް ބަހައްޓާފައިހުރި އެއްޗެހީގައި ކަމަށެވެ. އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރުމުން ހިނގި މި ހާދިސާގައި ވެމްކޯ އޮފީހުގެ ފުރާޅަށް ގެއްލުންތަކެއް ލިބުނު ނަމަވެސް ވެހިކަލަކަށް ގެއްލުމެއް ލިިބިފައިނުވާ ކަމަށް އެފަރާތުން ވަނީ ހާމަކޮށްފައެވެ.