ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިޔަށްގެންދާ އެއްވުންތަކާއި ޚިލާފަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެއްވުންތައް ސުލްޙަވެރިވާނެ ކަމަށް އެ ކޮންގްރެސް އިން ބުނެފިއެވެ.

މިރޭ އިދިކޮޅު ފަރާތްތަކުން "ބަޑި ބުރާސްފަތި" ގެ ނަމުގައި ބޭއްވި ސުލްޙަވެރި އެއްވުން ނިންމާލުމަށްފަހު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްކޮންފަރެންސެއް ގައި އެ ޕާޓީން ބުނެފައި ވަނީ، އިދިކޮޅު ފަރާތްތަކުން މިރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި ބޭއްވި އެއްވުމަކީ ސުލްޙަވެރި އެއްވުމެއް ކަމަށެވެ. އަދި އެ އެއްވުމަކީ ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ގެންނަން އުޅުނު ބަޤާވާތް ނާކާމިޔާބުވިޔާ 31 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި އެއްވުމެއް ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.

މިރޭގެ ނޫސް ކޮންފަރެންސުގައި ޕްރޮގްރެސިވް ކޯލިޝަނުން ބުނެފައިވަނީ، އެ ޕާޓީން ކުރިޔަށްގެންދާ މިފަދަ އެއްވުންތަކަކީ އާންމުންނަށް ދަތިނުވާނެ ފަދަ ގޮތަކަށް ރާވައި ސުލްޙަވެރިކަމާއެކު ކުރިޔަށްގެންދާ އެއްވުންތަކަށް ވާއިރު، އެ އެއްވުންތަކަށް ސަރުކާރުން ހުރަސް އަޅަމުން ދަނީ ޤާނޫނާއި ޚިލާފަށް ކަމަށެވެ. އަދި އެކަން ކުރުމަށް ދައުލަތުގެ އިދާރާތައް މެދުވެރި ކުރުވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އުދުވާނުން ރާއްޖެ ސަލާމަތްވުމުން ހިތް ނުތަނަވަސްވެފައި ތިބި ބައެއް ކަމަށް ވެސް އިދިކޮޅު ކޮންގްރެސް އިން ބުނެފައި ވެއެވެ.

3 ނޮވެމްބަރުގެ ހަމަލާ ރޭވުމުގެ ފަހަތުގައި ކުރީގެ ރައީސް އަދި ފަސްޓްލޭޑީގެ އާއިލީ ބޭފުޅުންތަކެއް ތިބިކަން ފާހަގަކޮށް ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބުނެފައިވަނީ، އެ ދުވަހުގެ ނަސްރު ފާހަގަކުރުމަށް މިއަދުގެ ސަރުކާރުން ބޭނުން ނުވަނީ އެހެން ވެގެން ކަމަށެވެ.

ދިވެހިންގެ ބަޔަކާއި ގުޅިގެން ލަންކާގެ ތަމަޅަ ޓައިގަރުންގެ ގްރޫޕަކުން ރާއްޖެއަށް އަރައި 19 ދިވެހިން ޝަހީދުކޮށްލި އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތްވުމަކީ ދިވެހިން އަބަދުވެސް ފަޚުރުވެރިކަމާއެކު ފާހަގަކުރާނެ ދުވަހެއް ކަމަށާއި، ނަމަވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާއި ދެމެދު މި ދުވަސް، ނަސްރުގެ ދުވަހެއްގެ ގޮތުގައި ބަލައިގެންފައި ނުވާކަމަށް އިދިކޮޅު ކޯލިޝަނުން ފާހަގަކޮށްފައި ވެއެވެ.

"ބަޑި ބުރާސްފަތި"ގެ ނަމުގައި 3 ނޮވެމްބަރު ފާހަގަ ކުރުމަށް އިދިކޮޅު ފަރާތްތަކުން ޕީޕީއެމް އޮފީސް ކުރިމަތީގައި ކުރިޔަށް ގެންދިޔަ އެއްވުން ރޫޅާލުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް މިރޭ 12 މީހަކުވެސް ގެންގޮސްފައި ވެއެވެ. ނަމަވެސް މިހާރު އެ އެންމެން ވަނީ ދޫކޮށްލާފައެވެ.

މި އެއްވުމުގެ ބައިވެރިންތަކެއް ހައްޔަރުކޮށްފައި ވަނީ، އެއްވުން ރޫޅާލަން ފުލުހުން އުޅުމުން މަސްލަހަތު ގޯސްވެ ހަމަނުޖެހުން ހިނގާފައި ވަނިކޮށެވެ. ފުލުހުން ވަނީ އެއްވުމުގެ ކުރިންވެސް، އެ އެއްވުން ރޫޅާލާނެ ކަމުގެ އިންޒާރު ދީފައެވެ. ފުލުހުން މި އެއްވުން ރޫޅާލަން މަސައްކަތްކޮށްފައި ވަނީ، މިރޭ 8:30 ހާއިރު އެއްވުން ފެށުމާއެކު އެ ސަރަޙައްދަކީ އެއްވުން މަނާ ސަރަޙައްދެއްކަން އިއުލާނު ކުރުމަށްފަހުއެވެ.

3 ނޮވެމްބަރު ފާހަގަ ކުރަން ބާއްވާ އެއްވުމަކަށް ފުލުހުން ހުރަސް އެޅިއިރު މިއީ ރާއްޖޭގެ ތާރީޙުގައިވެސް 3 ނޮވެމްބަރު ފާހަގަ ކުރުމަށް ފުލުހުން ހުރަސް އެޅި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޑޫ މީހާ

    އަދި ހަމީދު އެމީހުން ލައްވަްި އެހެން ޖަރީމަތައްވެސް ހިންގާނެ މިގައުމު ފަނާ ވުމުގެ ކުރިން ވިސްނާ

    32
    1
  2. ވައި

    ނޮވެމްބަރު 3 ހާދަ ވައިކޮންމިދަނީ.... ހެހެހެ އަސްލު ބާޢީން މިފެނަނަނީ.