އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓު މާދަމާ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް އެޖެންޑާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން މަޖިލީހަށް ބަޖެޓު ތައްޔާރުކުރުމަށްފަހު ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަންނަ އަހަރަށް ފިނޭންސް މިނިސްޓްރީ އިން ތައްޔާރުކޮށް މަޖިލީހަށް ފޮނުވާފައި ވަނީ 39.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި 2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ސަރުކާރުގެ ވުޒާރާތަކާއި އިންފްރާސްޓްރަކްޗަރ ތަކަށް ދިމާވެފައި ވާ އެކި މައްސަލަތައް ހައަލުކޮށް ކުރިއެރުވުން ވަނީ ހިމަނާފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތަކާއި މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަން ތަންފީޒު ކުރުމަށް އިސްކަންދީ ބަޖެޓުގައި ހިމަނައިފައިވާ ކަމަށް އެ މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

މިއަހަރުގެ ބަޖެޓު ހުށަހަޅާފައި ވަނީ މިދިޔަ ސަރުކާރުންނެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުރުގެ ފުތަތަމަ ބަޖެޓެވެ.

މިދިޔަ އަހަރު ފާސްކޮށްފައިވާ މިއަހަރުގެ ބަޖެޓުގައި ހިމެނެނީ 30 ބިލިއަން ރުފިޔާއެވެ. ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން ވަނީ 1.7 ބިލިއަން ރުފިޔާގެ ސަޕްލެމެންޓްރީ ބަޖެޓެއް ހިމަނާފައެވެ.