ކުރީގެ ސަރުކާރުތަކުން ސިއްހީ ހިދުމަތްތައް ފުޅާ ކުރުމުައި ކުދި ރައްތައް ވަނީ އެއްކިބާކޮށް ބާކީކޮށްލާފައި ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވެފައި ވަނީ މިއަދު ޕެރެޑައިސް ރިސޯޓުގައި ކުރިއަށް ދާ "އާންމު ސިއްހަތުގެ މަހާސިންތާ" އިފްތިތާހު ކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ނައިބު ރައީސް ފައިސަލް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުގައި ރާއްޖެއަށް ސިއްހީ ގޮތުން އެކިއެކި ކުރިއެރުންތައް ގެނެސްފައިވާކަމަށާއި އެހެން ނަމަވެސް ސިއްހީ ކުރިއެރުން ހޯދައިދިނުމުގައި ކުދި ރަށްރަށް ވަނީ ބާކީކޮށް އެއްކިބާ ކޮށްލާފައި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އަތޮޅުތެރޭގެ ކުދި ރަށްތަކުގައ ވެސް ތިބީ ދިވެހިން ކަމަށާއި އެފަދަ މުހިންމު ހިދުމަތަކުން އެފަރާތްތައް އެއްކިބާ ކޮށްލާފައިވުމީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބޭސްފަރުވާ ހޯދަން ޖެހިއްޖެ ކަމުގައިވާނަމަ "އެންމެ ކުޑަ ރަށުގައި ހުންނަ މީހާއެކޭ އެންމެ ބޮޑު ރަށުގަ ހުންނަ މީހާއެކޭ" ވާނީ ހަމަހަމަ ކަމަށާއި މިސަރުކާރުގެ ކުރިމަތީގައި އެއިން އެއްވެސް ފަރާތެއް ތަފާތެއް ނުކުރާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ގަބޫލުކުރަން ޖެހޭ ކުދިރަށްތަކުގައިވެސް ތިބީ ދިވެހި ލޮބުވެތި ރައްޔިތުން. އެއީ ދިވެހިން. ދިވެހިންގެ މަތިން އަޅުގަނޑުމެނަކަށް މިއަދަކު ހަނދާން ނައްތައެއް ނުލެވޭނެ. ބަލިވެއްޖެ ކަމަށް ވަންޏާ އެންމެ ކުޑަ ރަށުގައި ހުންނަ މީހާއެކޭ އެންމެ ބޮޑު ރަށުގަ ހުންނަ މީހާއެކޭ އަޅުގަނޑުމެންގެ ކުރިމަތީގަ ތަފާތެއް ނުކުރާނަން" ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.

މިސަރުކާރުން ކުރިއަށް ރޭވިފައި ހުރި އެކިއެކި ސިއްހީ ޕްލޭން ތަކުގެ ތެރެއިން ފަރަގު ކުޑަކުރެވި ފަސޭހައިން ސިއްހީ ހިދުމަތްތައް ލިބޭނެ ނިޒާމް ގާއިމް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ފެށި އާންމު ސިއްހަތުގެ މަހާސިންތާ މިއަދުން ފެށިގެން މިމަހުގެ ހަވަނަ ދުވަހާއި ހަމަޔަށް ކުރިއަށް ދާނެ ކަމަށް ހެލްތު މިނިސްޓްރީ އިން މައުލޫމާތު ދެއެވެ. އެފަދަ މަހާސިންތާއެއް ބޭއްވުމުގެ މަގްސަދަކީ 2020 ވަނަ އަހަރަކީ އާންމު ސިއްހަތުގެ އަހަރުގެ ގޮތުގައި ކަނޑައެޅިފައިވާތީ އެކަމަށް ސިއްހީ ހޮދުމަތްދޭ ތަންތަނުގެ މީހުން އަހުލުވެރި ކުރުމުން ކަމަށް އެމިނިސްޓްރީ އިން މައުލޫމާތު ދެއެވެ.