ފުރިހަމަ ސިއްހަތުގެ "މިނެކިރާ މީޒާނަކީ" އާންމު ސިއްހަތު ކަމަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިމަހުގެ ހަވަދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ "އާންމު ސިއްހަތުގެ މަހާސިންތާ"ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް އާންމު ސިއްހަތާއި މެދު ވިސްނުން މުހިންމު ކަމަށެވެ. މިނިސްޓަރ އަމީންގެ ވާހަކަފުޅުގައި ވަނީ އާންމު ސިއްހަތު ދެމެހެއްޓުމަށްޓަކާ ކުރެވިދާނެ ބައެއް މުހިންމު ކަންކަން ފާހަގަކުރައްވާފައެވެ.

"ޝައްކެއް ނެތް ފުރިހަމަ ސިއްހަތު މިނެކިރާ މީޒާނަކީ އާންމު ސިއްހަތު. އަޅުނޑުމެން މި މަސައްކަތް ފަށަނީ އާންމު ސިއްހަތާއި މެދު އުފެދޭ ސުވާލް ތަކާއިމެދު އެނެމެން ބަހުސްކޮށް އެއް މަޖިލީހެއްގައި ވާހަކަދެއްކުމަށް. އިރާދަކުރެއްވިއްޔާ މި މަހާސިންތާ ވެގެންދާނީ ދިވެހިރާއްޖޭގައި މިހާތަނަށް އާންމު ސިއްހަތު ކުއެރުމަށް އެޅޭ އެންމެ ވަރުގަދަ އެއް ފިޔަވަޅަށް" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ބޭހާއި ޑޮކްޓަރުންގެ އަދަދާއި ޒަމާނީ މެޝިންތަކުގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް މަތިވަމުން ކަމަށާއި، އެކަމުގެ ނަތީޖާއެއްގެ ގޮތުން އާންމު ދުޅަހެޔޮކަން ފަސޭހަވެގެން ދާކަަމަށެވެ. އަދި ހެދިބޮޑުވެެގެން އަންނައިރު މީހުންގެ ކިބައިގައި ހަރުލާ ނޭދެވޭ އަމަލުތައް ހުއްޓުވުމަށް މުޖްތަމައުގެ ހޭލުންތެރިކަން އިތުރު ކުރަން ޖެހޭ ކަމަށާއި، އެކަމަކީ ހަަމައެކަނި ސަރުކާރުން ކުރެވޭ ކަމެއް ނޫން ކަމަށާއި އެކަކު ހޭލުންތެރިކަން އިތުރުކުރުމަށް މައްސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެެވެ.

މީގެ އިތުރުން މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ބަލިތަކުން ރައްކާތެރި ވުމަށްޓަކައި ބަލި ޖެހުމުގެ ކުރިން ފިޔަވަޅު އަޅައި އެކަމަށް ރައްކާތެރިވެގެން ތިބުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ރާއްޖޭގައި އެފަދަ ކަންކުރާ މީހުން ރާއްޖޭގައި މަދުކަން މިނިސްޓަރ ގެ ވާހަގަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދުން ފެށިގެން ބާއްވާ މަހާސިންތާ ވެގެން ދާނީ ހަމައެކަނި ކުޑަ ދުވަސްކޮޅެއްގެ ހައްލެއްކަމަށް ނޫން ކަމަށާއި މި މަހާސިންތާގެ ފައިދާ ކުރިއަށް އޮތް އަހަރުތަކަށް ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެެވެ. އާންމު ސިއްހަތުގެ މަހާސިންތާގައި ވަނީ މާލޭގެ އިތުރުން އަތޮޅު ތެރޭގެ ސިއްހީ ހިދުމަތް ދޭ ތަންތަނުން ބައިވެރިވެފައެވެ. އެމަހާސިންތާ ކުރިއަށް ދާނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށް ޕެރެޑައިސް ރިސޯޓުގައެވެ.