ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މިއަދު މަހާޒް އަލީ ޒާހިރު އައްޔަން ކުރައްވައިފިއެވެ.

މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ ހަފްތާގައެވެ.

މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރަށް އައްޔަން ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގޮސްފައިވަނީ ރައީސް އޮފީހުގައެވެ. ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި މަހާޒަށް ފަނޑިޔާރުކަމުގެ ހުވާ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކުރިފުޅުމަތީ ދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އެވެ. އޭގެ ފަހުން ރައީސް ވަނީ މަހާޒަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރަން ޑްރަގް ކޯޓުގެ ގާޒީ، މަހާޒް އަލީ ޒާހިރަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

މަހާޒް އަކީ މެލޭޝިޔާއިން ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ ކުރިން އޭނާ ވަނީ ބަންޑާރަ ނައިބުގެ އޮފީހުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ވަޒީފާ އަދާކުރައްވައިފައެވެ.

މަހާޒްގެ ކުރިން ސުޕްރީމް ކޯޓަށް ވަނީ، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އާއިޝާ ޝުޖޫން މުހައްމަދް އައްޔަން ކުރައްވާފައެވެ.