ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު އޮފީސް) އިން 11 އަތޮޅަކަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މިއަދު ހަވީރު 17:15 އިން މިރޭގެ 23:00 އާއި ހަމައަށް ދިގުލައިގެން ދާނެ މި ހުދު ސަމާލު ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށެވެ.

މި ސަމާލު ނެރެފައިވާ ވަގުތުތަކުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނޭ ކަމަށް ވަނީ ލަފާ ކުރެވިފައެވެ.

އޮކްޓޯބަރު މަހު ވެހުނު ވިއްސާރަ އާއި ބަލާފައި މި ނޮވެމްބަރު މަހު ރާއްޖެ އަށް ވިއްސާރަ ކުރާ މިންވަރު ދަށް ވާނެއެވެ. ނަމަވެސް އޮކްޓޯބަރު މަހެކޭ އެއްފަދައިން ރާއްޖޭގެ މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް އާއްމު ގޮތެއްގައި ވިއްސާރަ ކުރާ މިންވަރަށް ވުރެން ގިނައިން މި އަހަރު ކުރާނޭ ކަމަށް މެޓު އޮފީހުން މައުލޫމާތު ދެއްވައެވެ.

މާދަމާގެ ހެނދުނު 10:00އާއި ހަމައަށް މެޓު އޮފީހުން މުޅި ރާއްޖޭގެ މޫސުން ލަފާ ކުރާ ގޮތަށް ބަލައިލާ އިރުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ.

ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ހުރިހައި ހިސާބަކަށް ވެސް ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އިރު، ރާއްޖޭގެ ކަނޑުުތައް މަޑު ވާނެއެވެ.

ހުދު ސަމާލުގައި މާލެ އަތޮޅުވެސް ހިމެނޭ އިރު މިއަދު ހަވީރު މާލެ ސަރަހައްދުން ވަނީ ނަގޫރޯޅިއެއްވެސް އުފެދިފައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު