ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި އަމުރާ ގުޅިގެން ހޯދަމުންދަނީ، މާލެ، ގ.މިއަލަނިއާގެ، މުޙައްމަދު ޝިނާން ޔޫސުފް (43އ) ކަމަށެވެ.

ފުލުހުން ވިދާޅުވީ މުޙައްމަދު ޝިނާން ޔޫސުފް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރުމަށް ބޭނުންވެ ޙާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2019 ނޮވެމްބަރ 12 ވަނަ ދުވަހުގެ 10:30އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

މުޙައްމަދު ޝިނާން ޔޫސުފާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ފުލުހުން ވިދާޅުވިއެވެ.