ވ. ރަކީދޫގައި ސްކޫލެއް އަޅާ ނަމަ، މީގެ ހަތަރު އަހަރު ކުރިން އަނިޔާވެރިކޮށް މަރާލެވިފައިވާ މުހައްމަދު އިބްތިހާލްގެ ނަމުން ނަން ދިނުމަކީ އެދެވިގެންވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް އެޑިއުކޭޝަން މިނިސްޓަރ ހާޒިރު ކޮށް ދިއްގަރު ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ، ރަކީދޫ އަށް ޒިޔާރަށް ކުރި ކުރުމުން ފެނިގެން ގޮސްފައިވަނީ ވަރަށް ހިތާމަވެރި މަންޒަރުތަކެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރަކީދޫގައި ސްކޫލެއް އަޅަން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެ ރަށުގައި ސްކޫލެއް އެޅުމަކީ ފީޒިބަލް ކަމެއްތޯ ބަލަން ދިރާސާތަކެއް ހަދަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ ކިހާ ފީސިބަލް ތޯ އެރަށުގަ ސްކޫލެއް ގާއިމުކުރަން. ކޮން ގްރޭޑްތަކެއްތޯ އަޅުގަނޑުމެންނަށް ކިޔަވާ ދެވޭނީ. އެހެންވީމަ ވަރަށް ބާރު ސްޕީޑުގައި އެ މަސައްކަތް އެބަ ކުރިއަށް ދޭ" މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވުމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ރަކީދޫގައި ސްކޫލެއް އަޅުއްވައިފި ނަމަ އިބްތިހާލްގެ ނަން އެ ސްކޫލަކަށް ދިނުން ވަރަށް އެދެވިގެންވާ ކަމަށެވެ.

"ރަކީދޫގައި މަދަރުސާއެއް ހައްދަވައިފި ނަމަ އަޅުގަނޑު ހިތުން އެ މަދަރުސާއަށް އިބްތިހާލްގެ ނަމުން ނަން ދެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވިދާނެ،" މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

އިބްތިހާލް މަރުވެފައިވަނީ 2015 ވަނަ އަހަރުގައެވެ. އިބްތިހާލް މަރުވެފައިއޮތް އިރު ހަށިގަނޑުން އެކި ޒަހަމްތައް ފެންނަން ހުއްޓެވެ. އިބްތިހާލްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވަނީ އިބްތިހާލްގެ މަންމަ، އާފިޔާ މުހައްމަދު މަނިކުގެ މައްޗަށެވެ. އާފިޔާގެ މައްޗަށް ކުރަނީ ދެ ދައުވާއެކެވެ. އެއީ ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ.

ރަކީދޫގެ އާބާދީގައި 400 ވަރަކަށް މީހުން ދިރިއުޅެމުން އަންނަ އިރު އެރަށުގެ ގިނަ ކުދިން ތައުލީމު ހާސިލް ކުރުމަށް ދަނީ ކައިރީގައި އޮންނަ ފުލިދޫއަށެވެ.

އިބްތިހާލްއަކީ ރަކީދޫގައި މަންމަގެ އަނިޔާތަކުގެ ސަބަބުން މަރުވި އުމުރުން ތިން އަހަރުގެ ކުއްޖެކެވެ.