ހަތް އަހަރަށް ފަހު އާންމު ސިއްހަތުގެ ފަންޑު ރަސްމީކޮށް ލޯންޗްކޮށްފިއެވެ.

މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ޕެރިޑައިސް ރިސޯޓް ގައި ކުރިޔަށްދާ ހެލްތު މަހާސިންތާގެ ތެރެއިން މިއަދު މި ފަންޑު އިފްތިތާހްކޮށްދީފައި ވަނީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީންއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، މި ގާނޫނު ވުޖޫދަށް އައިތާ އެތައް އަހަރެއް ފަހުން ވެސް ޕަބްލިކް ހެލްތު ފަންޑް ފަންޑަކަށް ވެގެންދާތަން ފެނުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި މި ފަންޑަށް އެކި ފަރާތްތަކުން އެހީތެރިކަން ދިނުމަށްވެސް އެދިލައްވާފައިވެއެވެ.

"ރާއްޖޭގެ މުއްސަދިކަމުން، ދިވެހިރާއްޖޭގެ ރީތިކަމުން ދިވެހިރާއްޖޭގެ ބިމުން ފައިދާ ހޯއްދަވާ ހުރިހާ ބޭފުޅުން މި ފަންޑަށް އެހީތެރިވުމަށް އަޅުގަނޑު އިލްތިމާސްކުރަން،" އަމީން ވިދާޅުވި އެވެ.

އާންމު ސިއްހަތުގެ ފަންޑު އިފްތިތާހް ކުރުމަށް ބޭއްވި ހަފްލާ - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

މީގެ އިތުރުން އެކި ބައިނަލް އަގްވާމީ އެކި މުއަސަސާތަކާއި ޖަމިއްޔާތަކާއި ގުޅިގެން މި ފަންޑަށް ފައިސާ ހޯދާން މަސައްކަތް ކުރައްވާނޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ،.

2012 ވަނަ އަހަރު އާންމު ސިއްހަތާއި ބެހޭ ގާނޫނެއް އެކުލަވާައިފައި ވާއިރު މި ގާނޫނުގެ ދަށުން އާންމު ސިއްހަތާއި ބެހޭ ފަންޑެއް ހުޅުވުމަށް ވަނީ ލާޒިމްކޮށްފައެވެ. އަދި އެ ގާނޫނަށް އަމަލުކުރަން ފެށުމުން ޕަބްލިކް ހެލްތު ފަންޑު ގާއިމް ވާނޭ ކަން ވެސް އެ ގާނޫނުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން މިގާނޫނުގެ ދަށުން މި އެ ފަންޑަށް ލާރި ނެގިދާނޭ ގޮތްތައްވެސް ވަރަށް ސާފުކޮށް ބަޔާން ކޮށްދީފައިވެއެވެ.

އޭގެ ތެރޭގައި:-

  • ކާތެރިކުރުމަށް ޓަކައި ހަރަދުކުރަން ކަނޑައަޅާ ފައިސާ
  • އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސްތަކުން ފީގެ ގޮތުގައި ލިބޭ ފައިސާ
  • އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުންް ދޭ ހިދުމަތްތަކަށް ނަގާ ފީގެ ފައިސާ
  • ގާނޫނުގެ ދަށުން ތައްޔާރުކުރާ ރިޕޯޓްތައް ވިއްކައިގެން ލިބޭ ފައިސާ
  • ގާނޫނުގެ ދަށުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުން ލިބޭ ފައިސާ
  • ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާތަކުގެ ފައިސާ
  • ސިނގިރެޓާއި ދުންފަތުން ނަގާ ޑިއުޓީގެ ތެރެއިން ވަކި ވަރެއް

އެ ފަންޑާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީން ވިދާޅުވީ، ފަންޑަށް ފައިސާ ޖަމާކުރަމުން ނުދިޔަ ނަމަވެސް އާންމު ސިއްހަތާއި ގުޅޭ އެކި އެކި ކަންކަމަށް ލާރި ހަަރަދު ކުރަމުން ދާ ކަމަށެވެ. އެހެން ނަމަވެސް އާންމު ފަންޑެއްގެ ގޮތުގައި މި ފަންޑް އޮތުމަކީ މުހިންމު ކަމެއް ކަމަަށް ފާހަގަކުރައްވާފައިވެއެވެ. އަދި ރަސްމީކޮށް ހުޅުވިގެން ދިޔަ ފަންޑްގެ މައިގަނޑު އެއް ބޭނުމަކީ ގައުމުގައި ތިބި މުއްސަނދިބޭފުޅުންގެ ދީލަތި އެހީތެރިކަމުގެ އިތުރުން ބޭރުގެ އެކި ޖަމިއްޔާތަކުގެ އެހީތެރިކަން ފަސޭހަކަމާއި އެކުގައި ލިބޭނޭ ނިޒާމެއް ގާއިމް ކުރުން ކަމުގައި ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުގެ ބަޖެޓުގެ 70 އިންސައްތަ ސިއްހީ އެކި އެކި ކަންކަމަށް ބޭނުން ކުރަމުން ދާކަމާައި އަންނަ އަހަރަކީ އާންމު ސިއްހަތު ރާއްޖޭގައި ފާހަގަކުރަން ނިންމާފައިވާ އަހަރު ކަމުގައި މިނިސްޓްރީއިން ވިދާޅުވިއެވެ.