ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި މާދަމާ ފަށަން ތާވަލްކޮށްފިއެވެ.

އަދީބުގެ މައްޗަށް ކުރާ ދައުވާތަކަކީ މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދެ ދައުވާ އާއި ހިޔާނާޔްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ.

މި ދައުވާތަކުގެ ޝަރީއަތްތައް މާދަމާ ފަށަން ތާވަލުކޮށްފައި ވަނީ 2:00 ގައެވެ.

ޕީޖީގެ ފަރާތުން އަދީބުގެ މައްޗަށް އެ ދައުވާތައް ކުރުމަށް، ސްޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުއެވެ.

އަދީބުގެ މައްޗަށް މީގެ ކުރިން ޓެރަރިޒަމްގެ ދެ މައްސަލައެއްގައި އިތުރު ދެ ހުކުމެއްވެސް ކްރިމިނަލް ކޯޓުން އިއްވިއެވެ. އެއީ ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި އިއްވި 10 އަހަރުގެ ހުކުމަކާއި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވި 15 އަހަރުގެ ޖަލު ހުކުމެވެ. އެ ދެ ހުކުމްވެސް ވަނީ ބާތިލްކޮށްފައެވެ.

ފިލައިގެން އިންޑިޔާއަށް ވަޑައިގެންނެވި މައްސަލާގައި އަދީބު މިހާރު ހުންނެވީ ޖަލުގައެވެ. އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުވެ ތިން މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.