ކުރީގެ ރައީސް ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރަށް އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތްދީފިއެވެ.

އިނގެރޭސި ސަރުކާރުން ޖާބިރަށް، ސިޔާސީ ހިމާޔަތްދީފައިވާކަން ހާމަކޮށް، އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވަނީ ޓްވީޓްކުރައްވާފައެވެ.

ޖާބިރަށް ސިޔާސީ ހިމާޔަތް ލިބުނުކަން ހާމަކޮށް ދިޔާނާ ކުރެއްވި ޓުވީޓްގައި ވަނީ ނަޝީދު ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އިނގެރޭސި ސަރުކާރުން ސިޔާސީ ހިމާޔަތްދިން އިރު، ޖާބިރު އިނގިރޭސިވިލާތުގައި ހުންނަވާތާ ދުވަސްތަކެއް ވަނީ ވެފައެވެ.

ޖާބިރަށް އިނގިރޭސި ސަރުކާރުން ސިޔާސީ ހިމާޔަތް ދިންއިރު، ފުލުހުން އަންނަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާ ހޯދުމަށް މަސައްކަތްކުރަމުންނެވެ.

މީގެ ކުރިން ލަންޑަނަށް ވަޑައިގެންނެވި ދަތުރު މަތީގައި އުޅުއްވަނިކޮށް ސަރުކާރުން ވަނީ ޖާބިރުގެ ޕާސްޕޯޓް ވެސް ކެންސަލް ކޮށްފައެވެ. އެއާ އެކު ގަޑިއިރުތަކެއްގައި ޖާބިރަށް އެއާޕޯޓުގައި މަޑުކުރައްވަން ޖެހިވަޑައިގަތެވެ.

ޖާބިރުގެ އިތުރުން އަމީން އާއި އެމްޑީޕީ އޭރުގެ ޗެއާޕާސަން އަލީ ވަހީދު، އަމިއްލަ އަށް އިނގިރޭސި ވިލާތަށް އަރުވާލެވިގެން ދިރިއުޅުއްވަމުން ގެންދަވަނީ، 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާއާ ގުޅިގެން އެ ބޭފުޅުން ހައްޔަރުކުރުމުންނެވެ. އެ މުޒާހަރާއާ ގުޅިގެން އަމީން އާއި އަލީ ވަހީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އެ ދުވަހު ދެއްކެވި ވާހަކަތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 12 އަހަރަށް ވަނީ ޖަލަށް ލައިފަ އެވެ.