ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމުން ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެން، ޕާޓީގެ އާ ސެކެޓްރީ ޖެނެރަލް އަދި ކެލާ ދާއިރާގެ ކުރީގެ މެމްބަރު ނިމިގެން ދިޔަ މަޖިލީސް އަލީ އާރިފްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މިހާރުގެ ޖޭޕީގެ ސެކެޓްރީ ޖެނެރަލް އާރިފް "ވަގުތު" އަށް ވިދާޅުވީ، ޕާޓީ ފުޅާވެ ޕާޓީ ހަލުވި ބާރުމިނެއްގައި ކުރިޔަށް ދަނިކޮށް ނާޒިމް އިސްތިއުފާ ދެއްވުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ނިމިގެން ދިޔަ މަޖިލިސް އިންތިޚާބަށް ފަހު ޖޭޕީއާ ގުޅިވަޑައިގެން ގާސިމާއެކު މިހާރު މަސައްކަތް ކުރައްވަމުން އަންނަ އިރު، ނިމިގެން ދިޔަ ސަރުކާރުގައި ނާޒިމަށް ނުހައްގުން ލިބުނު އަނިޔާތަކާއި އެކު ޖަލުގައި ބަންދު ކުރުމުން އެންމެ ބޮޑަށް ނާޒިމަށާއި އާއިލާއަށް އެހީވީ ގާސިމް ކަމަށް އާރިފް ވިދާޅުވިއެވެ.

ނާޒިމް އަކީ މަސައްކަތުގައި ހީވާގި މީހެއް ކަމުގައި އާރިފް ސިފަ ކުރައްވާފައި އާރިފް ވިދާޅުވީ، ފަހަކަށް އައިސް ކޮމިޓީ ބައްދަލުވުންތަކަށް މަގުބޫލު އުޒުރެއް ނެތި ނާންނާތީ އެމަގާމު ދޫކޮށްލަން ޕާޓީން އޭނާ ކައިރީގައި އެދިފައިވާނެ ކަމަށެވެ.

ޖޭޕީގެ ބައެއް މެންބަރުން ބުނަމުން އަންނަނީ ނާޒިމް ވަކިވީ ދެން އޮންނަ ރިޔާސީ އިންތިޚާބުގެ ރިޔާސީ ޓިކެޓު ޕާޓީން ނުލިބޭނެކަން ޔަގީން ވާތީ ކަމަށް ކަމަށެވެ.

މީގެއިތުރުން އާރިފު ވިދާޅުވީ، ޖޭޕީގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދާ ކަމަށެވެ. މިގޮތުން ކޮންމެ ހަފްތާ އަކު އެއް ފަހަރު ޕާޓީގެ އިވެންޓްއެއް ބޭއްވުމުގެ މަސައްކަތް ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑިމޮކްރެޓިކް ހަރުދަނާ ޕާޓީއަކަށް ޖޭޕީ ހެދުމުގެ ގޮތުން ގާނޫނު އަސާސީގެ އާ ގަވާާއިދަށް އިސްލާހު ގެނެވިފައިވާ ގޮތުގެ މަތިން ޕާޓީގެ ހަރުގެތައް ހުރިހާ ރަށެއްގައި އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަދި ޕާޓީގެ އިސް މާގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށްޓަކައި ވަރަށް އަވަހަށް ޕާޓީގެ އެތެރޭގެ އިންތިހާބެއް ބާއްވާނެ ކަނަށްވެސް އޭނާ ވަނީ އިއުލާނު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާލެ ބޭބެ

    މާނޭވާލާ ބާރަށް؛ އަލީ އާރިފް މެން ބަލައިގަންނާނެ ރައްޔިތުން މިޤައުމެއްގަނެތް.... ޤާސިމް އަތުން މިހާރު ރިލޯޑް ލިބޭނެ . ސިޔާސީގޮތުން ތިޔައީ އުރައްޕެއްނެތް ވަރުކޮށާލެވިފައިވާ ބޮޑް މާދޫނި އައިނެއް.

    16
  2. ފިނރުޓޭ

    މީ އަލީ އާރިފު މެންނަކީ ބޮނޑުތަނުން ފޭލިވެފަ ތިބި ބަޔެއްނު!