ރާއްޖެ އިޝްތިހާރު ކުރުމަށް ފްރާންސްގެ ނޫސްވެރިންގެ ޓީމެއް އެމްއެމްޕީއާރުސީގެ ދައުވަތަކަށް ރާއްޖެ އައިސްފިއެވެ.

އެމްއެމްޕީއާރުސީން ވަނީ މީގެ ކުރިން ރާއްޖެ އިޝްތިހާރު ކުރުމަށް އެކި ގައުމުތަކުގެ ނޫސްވެރިން ރާއްޖެ ގެނެސްފައެވެ.

ރާއްޖެ އައިސްފައިވާ ފްރާންސްގެ ނޫސްވެރިން މިމަހުގެ 16 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގައި މަޑު ކުރާ ގޮތަށް ވަނީ ހަމަ ޖެހިފައެވެ. މި ޓީމުގެ ބޭފުޅުން ތިއްބަވަން ހަމަޖެހިފައިވަނީ ވެލައްސަރު، ހުވަފެންފުށި، ޔޮޓް މޯލްޑިވްސް އަދި ކަނޑިންމަ ރިސޯޓުގައެވެ.

ރާއްޖެ އައިސްފައިވާ ނޫސްވެރިންގެ ޓީމުގައި ނީސް މާޓިން އާއި ޕެރިސްމެޗާއި ޓައިމްއައުޓްގެ އިތުރުން އެލް އޮފިޝަލް އަދި މޭރީ ފްރާންސަށް ލިޔާ ތަޖުރިބާކާރު ނޫސްވެރިން ހިމެނެއެވެ.

ރާއްޖޭގައި މި ނޫސްވެރިން މަޑު ކުރާ ދުވަސްވަރުގައި އެ ބޭފުޅުން ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުއަޑީގެ ރީތި ކަމާއި ރާއްޖޭގެ ސަގާފަތާއި ގުޅޭގޮތުން ކުރާ ތަޖުރިބާތަކާއި ގުޅޭ ލިޔުންތައް ތައްޔާރު ކުރަން ހަމަ ޖެހިފައެވެ.

އެމްއެމްޕީއާރްސީން ބުނީ މިކަމުގެ ސަބަބުން ފްރާންސްގައި ރާއްޖެ އިތުރަށް އިޝްތިހާރު ވާނެ ކަމަށެވެ.

އެމްއެމްޕީއާރުސީ އިން ރާއްޖެ އިޝްތިހާރު ކުރުމަށް މިގޮތަށް ނޫސްވެރިގެ ޓީމުތައް ގެންނަ އިރު މިފަހަރު ރާއްޖެ އައި ފްރާންސްގެ ޓީމުގެ ސަބަބުން އަންނަ އަހަރު އެގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ވާނެ ކަމަށް އެމްއެމްޕީއާރުސީން އުއްމީދު ކުރެއެވެ.

ފްރާންސުގެ މި ޓީމަކީ އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ ސިލްސިލާ މީޑިއާ ދަތުރުތަކުގެ ތެރެއިން 17 ވަނަ ޓީމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެއު

    އިސްތިހާރެއވެސްނޫން ކުރާނީކީ އީން ބަދަލް ކުރާނީ ނޫސްވެރިކަމުގެ ފާހެއވެސް އޮތްބައެއްނޫން އައީކީ ތިޔަވެސް ލާރިގަޑެއްނަގާ ފަރަންޖީން ހަންފަތުރަންއައިބައެއް.