މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، (އެމްއެފްޑީއޭ)ގެ އޮންލައިން ޕޯޓަލް އިފްތިތާހު ކޮށްފިއެވެ.

"ދިރިތި" ޕޯޓަލްގެ ނަމުގައި އުފެއްދި މި ޕޯޓަލް އިފްތިތާހު ކޮށްދެއްވާފައިވަނީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއެވެ.

މިއަދު ހެނދުނު ސްޓެލްކޯގައި ބޭއްވު އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ މި މަސައްކަތަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މަސައްކަތްތައް ހަރުދަނާކޮށް، ހިދުމަތްތަކުގެ ސްޕީޑް ހަލުވި ކުރުމަށްޓަކައި އެޅިގެންދާ ފިޔަވަޅެއް ކަމަށެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް އެމްއެފްޑީއޭ އިން ނެރޭ ހުރިހާ އިއުލާނުތަކަކާއި، ރިޕޯޓުތައްވެސް ބަލާލެވެނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމްއެފްޑީއޭގެ އޮންލައިން ޕޯޓަލް އިފްތިތާހު ކުރުން: ވަގުތު ފޮޓޯ: މުހައްމަދު ހައްޔާން

އަދި މި ޕޯޓަލްގެ ޒަރިއްޔާއިން ހުރިހާ ލިޔެކިޔުމެއް ޑިޖިޓަލްވެގެންދާނެ ކަމަށާއި، މި ޕޯޓަލްއަކީ ސަރުކާރުގެ ޞިއްޙީ ހިދުމަތް ޑިޖިޓަލައިޒް ކުރުމުގެ ވައުދުގެ ތެރެއިން އެޅޭ ފިޔަވަޅެއް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މި ޕޯޓަލް ނޭޝަނަލް ސިންގަލް ވިނޑޯ އާއި ގުޅާލާނެ ކަމަށާއި، އޭގެ ސަބަބުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ދެމުން ގެންދާ ހިދުމަތުގެ ސްޕީޑް އަވަސްވެގެން ދާނެކަމަށެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ދިރިތި ޕޯޓަލްއަކީ، އެ އޮތޯރިޓީގެ ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ ގޮތުން 2015 ވަނަ އަހަރުގެ ތެރޭގައި ފެށި މަސައްކަތެކެވެ. މި ޕޯޓަލް މެދުވެރިކޮށް އެމްއެފްޑީއޭގެ ހިދުމަތްތައް "ޕޭޕާލެސް" ވެގެންދާނެއެވެ. އަދި އެ އޮތޯރިޓީގެ ހިދުމަތްތައް، އޮންލައިންކޮށް ލިބިގެންދާނެއެވެ. މިއީ އެމްއެފްޑީއޭ އިން ހިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.