މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، 39 ބޭފުޅަކަށް ދެއްވުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް އިނާމް ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ނޮވެމްބަރު 10 ވަނަ ރޭ ދަރުބާރުގޭގައި ބާއްވަވާ ޚާއްޞަ ރަސްމީ ޖަލްސާއެއްގައެވެ.

މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ފަރާތުން މިއަދު ވިދާޅުވީ، މިއަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ހާސިލްކޮށްފައިވަނީ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހޯއްދަވާފައިވާ ބޭފުޅަކާއި، މަތީ ތަޢުލީމާއި ގުޅޭ ކޯހަކުން އެއްވަނަ ހޯއްދެވި 32 ބޭފުޅެއްގެ އިތުރުން ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން އެންމެ މަތީ ޝަރަފް ހޯއްދެވި 6 ބޭފުޅެއްގެ އިތުރުން ޤައުމީ ކުޅިވަރުގެ 2 ޓީމަކަށެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބުގައި ބާއްވާ ޖަލްސާގައި ޚާއްޞަ މެޑެލްތަކެއްވެސް ރައީސް ދެއްވާނެއެވެ. މެޑަލް ދެއްވާނީ ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޡު ކަމުގެ ސަނަދު ހާސިލުކުރެއްވި 16 ބޭފުޅަކަށާއި، މިދިޔަ އަހަރު ބޭއްވުނު ސާނަވީ އިމްތިޙާނާއި، މަތީ ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކުރި 17 ދަރިވަރަކަށެވެ.

ވަރަށް ފަހުންވެސް ރައީސް ޞާލިހު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުގެ ފަރާތުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު 21 ބޭފުޅަކަށާއި، އަދި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 5 ބޭފުޅަކަށް ދެއްވާފައެވެ.