ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފައިވާ ގައުމީ ކުރިކެޓް ޓީމުގެ ކޯޗު އާސިފް ހާން ހައްޔަރު ކޮށްގެން ތަހުގީގު ހިންގަން ފުލުހުންގެ މައްޗަށް ހައިކޯޓުން އަމުރު ކޮށްފިއެވެ.

އޭނާ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ، އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުއްޓާއެވެ.

އޭނާ ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުދިންނާއި، އަދި 18 އަހަރުން މަތީގެ ބަޔަކާއި ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ކަމަށްވެސް ފުލުހުން އެއިރު ވިދާޅުވިއެވެ.

އޭނާ ހައްޔަރުކޮށްފައި ހުއްޓާ ދޫވީ ފުލުހުންގެ އިހުމާލުންނެވެ. އޭނާ މިނިވަން ވެފައި ވަނީ 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރު ނުކުރެވުމުންނެވެ.

އެހެންވެ ދައުލަތުގެ ފަރާތުން އެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އެ ކޯޓުން އޭނާ ހައްޔަރު ކުރުމަށް އަމުރެއް ނެރެ ނުދިނުމުން ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރީއެވެ.

ފުލުހުންގެ އިހުމާލުން އޭނާ މިނިވަންވުމުން އާއްމުން މިހާރު އަންނަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ދައުލަތުގެ ފަރާތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައިކޯޓުން އެ މައްސަލާގައި މިއަދު އިއްވި ހުކުމްގައި އެންގީ އާސިފް ހާން ހައްޔަރުކުރުމަށެވެ.

ދިވެހި އަންހެން އަދި ފިރިހެން ކްރިކެޓް ކުޅުންތެރިންގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެ މައްސަލަތަކާ ހެދި އާސިފް ޙާން ކުއްލިއަކަށް އިސްތިއުފާ ދިންކަން ކްރިކެޓް ބޯޑުން ސިއްރު ކުރުމަށް ފަހު މަސައްކަތް ކޮށްފައި ވަނީ އޭނާ ގައުމުން ފުރުވާލަން ކަމަށެވެ. ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރު މަތިން އާސިފް ޖިންސީ ގޯނާކޮށްފައިވާކަން ތުހުމަތުކުރެވޭ ކަމަށާއި އޭގެ ތެރޭގައި ގިނައީ 18 އަހަރު ނުފުރޭ ކުޅުންތެރިން ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ގައުމީ ކްރިކެޓް ޓީމުގެ ކޯޗުކަމާއި އާސިފް ހަވާލުވެފައި ވަނީ މިދިޔަ އަހަރު ތެރޭގައެވެ.