ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީވާން ތައްޔާރަށް އޮތް ކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.

ވޯލްޑް ބޭންކުން މިކަން ހާމަކޮށްފައި ވަނީ ރާއްޖެ ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއިއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ. ވޯލްޑް ބޭންކުގެ ޓީމުން ވަނީ ރާއްޖޭގައި ކުރިޔަށްގެންދާ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ މާލީގޮތުން ހަރުދަނާކުރުމަށް އެ ބޭންކުން އެހީތެރިވާން ތައްޔާރަށް އޮތްކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވޯލްޑް ބޭންކުގެ ވަފުދާ މަޝްވަރާކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ތަރައްޤީގެ އެޖެންޑާގައި ހިމެނޭ މަޝްރޫޢުތައް ކުރިޔަށްގެންދިއުމުގައި ވޯލްޑް ބޭންކުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖެ ތަރައްޤީކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި ރާއްޖޭގެ މާލީ ހާލަތާއި ބެހޭގޮތުންނާއި އެކިއެކި މަޝްރޫޢުތަކަށް ފައިސާ ހޯދުމާބެހޭގޮތުން މަޝްވަރާ ކުރެވިގެން ދިޔައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހި ސަރުކާރުން ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކަށް އަހައްމިއްޔަތުކަން ދެއްވާ މިންވަރު ފާހަގަކުރައްވައި 2023 ވަނަ އަހަރުން ފެށިގެން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން އިއުލާންކުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް ކަންކަންވެސް މި ބައްދަލުކުރެއްވުމުގައި ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް ތަނަވަސްކޮށްދިނުމާއި އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ޤައުމަށް ލިބޭ ތަނަވަސްކަން ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ބެހިގެންދާނެގޮތަށް ކަންކަން އިންތިޒާމުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވޯލްޑް ބޭންކުގެ ވަފުދުގެ ބޭފުޅުން މި ބައްދަލުކުރެއްވުމުގައި ވަނީ އެ ވަފުދުން ދާދިފަހުން އައްޑުއަތޮޅަށް ކުރެއްވި ދަތުރާބެހޭ މަޢުލޫމާތު ރައިސް ސޯލިހާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އައްޑޫއަށް ކުރި ދަތުރަކީ ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް ލިބިގެންދިޔަ ދަތުރެއްކަން ވަފުދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ލާމަރުކަޒީ ނިޒާމުގެދަށުން ރާއްޖެ ތަރައްޤީކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާއި މިހާރު ސަރުކާރުން ތަޢާރަފުކޮށްފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ ރާއްޖޭގެ ތަރައްޤީއަށް ބާރުލިބޭނެ މުހިންމު ކަންތައްތަކެއް ހިމެނޭ ޕްލޭނެއް ކަމުގައި ވޯލްޑް ބޭންކުގެ ވަފުދުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވޯލްޑް ބޭންކުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާ ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި ކުރިމަގުގައިވެސް އެގުޅުން އެގޮތުގައި ދެމިއޮތުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. އަދި ވޯލްޑްބޭންކުގެ ވަފުދުންވެސް ވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކަށް ދެމުންދާ އެއްބާރުލުމާއި އެހީތެރިކަން އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސެން

    ޥޯލްޑު ބޭންކު ކުދިންނޭ ،ތީތިކޮޅޫ ބަހާލާނެ ބަދަލު ދިނުމުގެ ނަމުގައި ނޫނީ ބިޑަކާ ނުލައި ދީފާނެ،އޭރަށް ފެންނާނީ ދެ ފުށެއް ނުން ހަތަރު ފުއް ފެންނާނެ،ނުދޭތި ރަން ކާލާނެ އެވެސް

    3
    1