ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ 7 ދައުވާއެއްގެ އިބްތިދާޢީ އަޑުއެހުން އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފައިވީ ނަމަވެސް، އިބްތިދާޢީ އަޑުއެހުން ފެށުމުގެ ކުރިން، ދަޢުލަތުގެ ފަރާތުން ފާހަގަކުރި ކަންބޮޑުވުން ތަކަށް، ޝަރީޢަތުން ވަކި ގޮތެއް ކަނޑައެޅުމަށް ވަގުތު ބޭނުންވާތީ، އަޑުއެހުން ވަނީ ކުރިއަށް ނުގެންގޮސް، ނިންމާލާފައެވެ.

އަޙުމަދު އަދީބުގެ މައްޗަށް ދަޢުލަތުން އުފުލާފައިވަނީ، ހިޔާނާތްތެރިވުމުގެ ދެ ދަޢުވާ އާއި، މަނީ ލޯންޑްރިންގ ގެ ދެ ދަޢުވާ އާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒް ފައިދާ ހޯދައިދިނުމުގެ ދެ ދަޢުވާ ގެ އިތުރުން، ރަސްމީ ޙައިޞިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދަޢުވާ އެވެ.

މި ހުރިހާ ދަޢުވާ ތަކުގެ އަޑުއެހުންތައް ވީހާވެސް ބޮޑަށް ހުޅުވާލައިގެން، ޓީވީ ތަކުން ލައިވްކޮށްގެން ކުރިއަށް ގެންގޮސްދެއްވުމަށް ދައުލަތުންނާއި، ދަޢުވާ ލިބޭ، އަޙުމަދު އަދީބުގެ ފަރާތުން ކްރިމިނަލް ކޯޓުގައި، އެދިފައިވާއިރު، އެކަމަށް ކްރިމިނަލް ކޯޓުން ވަނީ ގޮތެއް ނިންމަވާފައެވެ. އަދީބުގެ ޝަރީޢަތްތައް ލައިވް ކޮށްދިނުމަށް އެދި، މި ދިޔަ މަހުގެ 17 ވަނަ ދުވަހު، ދަޢުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. ނަމަވެސް އެ ސިޓީގެ ޖަވާބު ދަޢުލަތަށް ލިބިފައިވަނީ މިއަދުގެ ޝަރީޢަތް ފެށެން ފަންސާސް މިނެޓަށް ވެފައިވަނިކޮށް ކަމަށްވެސް ދަޢުލަތުން ވަނީ އިއްޔެގ އަޑުއެހުމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން، އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން، އަދީބުގެ ޝަރީޢަތްތައް ލައިވް ކޮށްގެން ކުރިއަށް ގެންދިއުމަށް އިޢުތިރާޟްކުރަނީ އެ މައްސަލަ ބައްލަވާ ޤާޟީ ކަމަށްވެސް އެ ސިޓީގައި ބުނެފައިވާ ކަމަށްވެސް، ދަޢުލަތުން ވަނީ ވިދާޅުވެފައެވެ.

"އިބްތިދާޢީ އަޑުއެހުންތައް ފެށުމުގެ ކުރިން ދަޢުލަތުގެ ފަރާތުން ދެ ކަމެއް ފާހަގަކޮށްލަން ބޭނުންވޭ. އިއްޒަތްތެރި ޤާޟީ. މިދިޔަ މަހުގެ 17 ވަނަ ދުވަހު އަޅުގަނޑުމެންވާނެ މި ކޯޓަށް (ކްރިމިނަލް ކޯޓަށް) ސިޓީ އެއް ފޮނުވާފައި، މި މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަމަށް ބުނެ. އެ ސިޓީގެ ޖަވާބު އަޅުގަނޑުމެންނަށް ލިބުނީ މިއަދު. އެ ސިޓީގެ ޖަވާބުގައި ބުނެފައިވާ ގޮތުން، ޝަރީޢަތްތައް ލައިވް ކުރުމާއި ބެހޭ އުޞޫލެއް މި ކޯޓުން ހައްދަވާފައި އޮވޭ. ނަމަވެސް އެ އުޞޫލުގައި އޮތް ވާހަކަތަކެއް އަޅުގަނޑުމެންނަށް އަންގާފައެއް ނެތް. ސިޓީގައި ބުނެފައި އެބަވޭ، މައްސަލަ ބައްލަވާ ޤާޟީ އިޢުތިރާޟްކުރައްވާތީ ޝަރީޢަތް ލައިވް ނުކުރުމަށް ނިންމި ވާހަކަ. ނަމަވެސް އެއީ ކޮން ސަބަބަކާއި ހުރެކަމެއް ވެސް އަންގާފައެއް ނެތް. އަޅުގަނޑުމެންވެސް އަދި ދަޢުވާ ލިބޭ ފަރާތުންވެސް މިފަދައިން މި މައްސަލަ ލައިވްކޮށްގެން ކުރިއަށްގެންދިއުމަށް ބޭނުންވާ އިރު، ޝަރީޢަތުން އެކަން ބޭނުން ނުވަނީ ކޮން ސަބަބަކާއި ހުރެކަމެއްވެސް އަޅުގަނޑުމެންނަށް އަންގާފައެއް ނެތް." މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ދަޢުލަތުން ވިދާޅުވިއެވެ.

އިތުރަށް ދަޢުލަތުން ވިދާޅުވީ، ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އާއްމުކޮށް ހުޅުވާލައިގެން ޝަރީޢަތްތައް ބޭއްވުމާއި، އިންސާފުން ޝަރީޢަތް ކުރުމުގެ ހައްޤަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްޤެއް ކަމަށާއި، އެ ހައްޤަށް އުނިކަން އަންނަ ފަދަ ގޮތަކަށް ދަޢުލަތުންވެސް ކަމެއް ނިންމަންވާނީ، އެކަން ކުރުމަށް އޮންނަ އުޞޫލުތަކާއި، ހަމަތަކުގެ މަތިން ކަމަށްވެސް ދަޢުލަތުން ވިދާޅުވިއެވެ.

"އިއްޒަތްތެރި ޤާޟީ. މި ކޯޓުން މިހާރުވެސް ޝަރީޢަތެއް ލަައިވްކޮށްގެން ކުރިއަށް އެބަ ގެންދޭ. މއ. ކާމިނީ ހުޅަނގުގެ، ޢަބްދުﷲ ޔާމީންގެ ޝަރީޢަތް މިހާރުވެސް ކުރިއަށް އެ ގެންދަނީ ލައިވް ކޮށްގެން. އެއީ އެއްވެސް ފަރާތަކުން އެދިގެންނެއް ނޫން. މި ކޯޓަށް އަމިއްލަ އަށް ފެނިވަޑައިގެން އެކަން އެގޮތަށް އެ ކުރައްވަނީ. އެ މައްސަލަ އަކީ އެއް މިލިއަން ޑޮލަރުގެ މައްސަލައެއް. އެ މައްސަލަ ލައިވް ކޮށްގެން ކުރިއަށް އެ ގެންދަނީ، އެއީ ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު ހައްޤެއް އެކުލެވޭ މައްސަލައަކަށް ވާތީ. އިއްޒަތްތެރި ޤާޟީ، އަދީބުގެ މައްޗަށް އުފުލާފައިވާ މައްސަލަތަކުގައި އެކުލެވޭ ފައިސާގެ އަދަދަށް ބަލާއިރު، 1.5 ބިލިއަން ރުފިޔާ އަށް އަރާ. އެހެންކަމުން، ރައީސް ޔާމީން ގެ މައްސަލައަށް ވުރެ މި މައްސަލަ ލައިވް ކުރުން މާ އަޢުލާކަން ބޮޑު." ދަޢުލަތުން ވިދާޅުވިއެވެ.

މީގެ އިތުރުން ދަޢުލަތުން ވިދާޅުވީ، މިހާރު ލައިވް ކޮށްގެން ކުރިއަށް ގެންދާ ރައީސް ޔާމީން ގެ މައްސަލަ އަކީ، އެމްއެމްޕީއާރުސީގެ ފައިސާ އާއި ގުޅުންހުރި މައްސަލައެއް ކަމަށާއި، އަދީބުގެ މައްޗަށް އުފުލިފައިވާ ދަޢުވާ ތަކުގެ އަސްލަކީވެސް އެއީ ކަމަށެވެ. އަދި ހަމައެހެންމެ، އަދީބު އަދާކުރައްވާފައިވާ މަޤާމުތަކާއި، ސަރުކާރުގައި އަދީބު އަދާކުރައްވާ ދައުރަށް ބަލާއިރު، މިއީ ދިވެހި އެތައް ރައްޔިތުންނެއްގެ ހައްޤުތައް މިކަމުގައި އެކުލެވޭ މައްސަލައެއް ކަމަށްވެސް ދަޢުލަތުން ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ދަޢުވާ ތަކުގެ އަޑުއެހުންތައް ލައިވްކޮށް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން، މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން، އަދީބުގެ ދިފާޢީ ވަކީލް، މަޙުފޫޒު ސަޢީދު ވިދާޅުވީ، 25 ސެޕްޓެމްބަރ 2019 ގައި ދައުލަތާއި އެކު އަދީބު ހައްދަވާފައިވާ އެއްބަސްވުމާއި އެއްގޮތްވާ ގޮތުގެ މަތިން އަދީބު ގެންދަވަނީ ދަޢުލަތަށް ފުރިހަމައަށް އެއްބާރުލުން ދެއްވަމުން ކަމަށާއި، ޝަރީޢަތްތައް ލައިވް ކުރުމަކީ، އަދީބަށް އިންސާފުވެރި ޝަރީޢަތެއް ލިބުމާއި، އަދި މުޅި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ދިވެހި ހުރިހާ ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"އިއްޒަތްތެރި ފަނޑިޔާރު. އަޙުމަދު އަދީބުގެ މައްޗަށް އުފުލާފައިވަނީ ކުޑަ ދަޢުވާ ތަކެއް ނޫން. އެނގިވަޑައިގަންނަވާނެ، އެމްއެމްޕީއާރުސީ އޭ ބުނީމަ ދިވެހި ހުރިހާ ރައްޔިތުންގެ ހިތްތަކުގައި ތަސްވީރު ވެގެންދާނީ އަޙުމަދު އަދީބު. ނަމަވެސް މިކަން އަޙުމަދު އަދީބާއި ހަމައިން އަދި ނުނިމޭ. މިކަން ހިނގާފައިވާ ގޮތް އަދީބު ބޭނުންވޭ ޝަރީޢަތަށްވެސް ސާފުކޮށްދޭން. އެހެންވީމަ، އަޅުގަނޑުމެންވެސް ވާނީ ޝަރީޢަތްތައް ލައިވް ކޮށްދިނުމަށް އެދި މި ކޯޓަށް ސިޓީއެއް ފޮނުވާފައި. ނަމަވެސް މިއަދު ޖަވާބު ލިބިގެން މި ދިޔައީ ލައިވް ކޮށްދިނުމަށް އިއްޒަތްތެރި ފަނޑިޔާރު އިޢުތިރާޟު ކުރައްވާ ވާހަކަ. އަޅުގަނޑުމެން އެދެނީ އެ ނިންމުން މުރާޖާ ކޮށްދެއްވުމަށް، އަދި ލައިވް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް. އެއީ ކަމުގެ ބޮޑު ކަމާއި، އަދި މި މައްސަލައާއި، ދިވެހި ރައްޔިތުންގެ ގިނަ ހައްޤުތަކަކާއި އޮތް ގުޅުމުގެ ބޮޑު ކަމުން." މަޙުފޫޒު ވިދާޅުވިއެވެ.

އަޙުމަދު އަދީބުގެ ޝަރީޢަތްތައް ލައިވް ކުރުމާއި ގުޅޭގޮތުން، ދެ ފަރާތުން ދެއްކެވި ވާހަކަތަކާއި ގުޅިގެން، މި މައްސަލަ ބައްލަވާ ޤާޟީ، އިސްމާޢީލް ރަޝީދު ވިދާޅުވީ، ލައިވް ނުކުރަން ނިންމި ނިންމުމަކީ އިދާރީ ނިންމުމެއް ކަމަށާއި، އެގޮތަށް ނިންމި ސަބަބު ދަޢުލަތަށް އެނގުން މުޙިއްމު ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް ދެ ފަރާތުން ތަކުރާރުކޮށް މި މައްސަލަ ލައިވް ކުރުމަށް އެދެމުންދާތީ، ފަނޑިޔާރުންގެ މަޖިލީހުން އެކަމަށް ގޮތެއް ނިންމަވާނެ ކަމަށްވެސް، ޤާޟީ ވިދާޅުވިއެވެ.

ކަންމިހެންހުރިއިރު، އަޙުމަދު އަބީދުގެ މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް ޤާޟީ އިޢުތިރާާޟު ކުރަނީ ސީދާ ކޮން ސަބަބަކާއި ހުރެކަމެއް ސާފެއް ނުވެއެވެ. ނަމަވެސް، މި މައްސަލަ ބައްލަވާ ޤާޟީ މިފަދައިން ނިންމަވާފައި މި ވަނީ، ކްރިމިނަލް ކޯޓުން ލައިވް ކޮށްގެން ކުރިއަށް ގެންދިޔަ، ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ޤާޟީ، އަޙުމަދު ހައިލަމް ޖޭއެސްސީން ސަސްޕެންޑް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެހެންކަމުން، މިއީ ސަރުކާރުގެ ތެރެއިން، ނުވަތަ ޖޭއެސްސީގެ ފަރާތުން މި ކަމަށް އެއްވެސް ނުފޫޒެއް ފޯރުވަމުން ދާތީ، ނިންމި ނިންމުމެއްކަމަށްވެސް ވެދާނެއެވެ. ޤާނޫނަކުން ލިބިދީފައިވާ ހައްޤެއް، ފަނޑިޔާރަކަށް ލިބިގެންވާ އިޚްތިޔާރާއި ބާރުގެ ދަށުން، ހިފަހައްޓަންވާނީ، އެކަމުގައި އެކަށީގެންވާ ސަބަބެއް އޮވެގެންނެވެ. އެހެންނޫންކަމަށް ވާނަމަ، އެކަން ވާނީ، ޤާނޫނުގައި ބުނާ އެއްޗެއްގެ ބާރު ކަނޑުވާލާ، އިންސާފުވެރި ޝަރީޢަތެއް ކުރުމަށް ހުރަސް އެޅުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލަލިތް

    ޝަރިއަތުގެ މަޖިލިސް ލައިވް ކުރާ ނަމަ ގާޒީ އަށް ނުފޫޒު ފޯރުވުމުގެ ބިރު ބޮޑު. ގާޒީ ވިސްނާނެ މި ލައިވް ނުފޫޒު ގަދަ އެތަށް ބަޔަކު ބަލަމުން އެބަ ދާ ކަން. ރައްޔިތުންނޭ ކިޔާ އޮޅުވާލައިގެން މި ނުފޫޒު ގަދަ މީހުން މި ކުރާ ކަމަކީ ލައިވް ފީޑް ބޭނުން ކޮށްގެން ޝަރިއަތުގެ މަޖިލީހުގަ ވާނުވާ ބަލަން ތިބެނީ. މިހާރު ފެންނަ ގޮތުން ޖުޑީޝަރީ އިސްލާހެއް ނޫން އެ ކުރަނީ، ވަކި ބަޔަކު ބޭނުންވާ ގޮތަށް އަނބުރާލަނީ. އެމް.ޑީ.ޕީ އޭ ކިޔައިގެން ބަޔަކު އައިސް ގައުމު ހަލާލު ކޮށްފި.

    15
    3
  2. ޙަސަނާ

    ދައުލަތހަކީ ކޮބާތޯ އެބުނާ އެއްބަސްވުމަކީ ކޮބާތޯ ކުއްވެރިއާ ލައްވާ ވަކިބަޔަކު ހައްޔަރުކުރަން ހެކި ދިނުންތޯ.ސަރީއަތްތަކައް މިހާރައްވުރެ ބޮޑައް ސިޔާސީ ނުފޫޒު ވަދެފަ އޮތްދުވަސްވަރެއް 2008 ގެފަހުން ވެސް އަދިކުރިންވެސް ނެތް ތިޔަސަރީއަތް ތައް އިންސާފުކަމައް ދެކެނީ ޒާތީ ހަސަދައާއި ރުޅިވެރިކަމުގެ އެލުޓިވިސްޓުން އެކަނި...

    12
    2
  3. ކޮބާކަލޭ

    ކެނެރީގޭ ބަހުލޫލު ބުނާގޮތައް ހުކުމްކުރަންޖެހޭތީ!!

    12
    2
  4. ޑެއިލް

    ސުރުހީ ތިއޮތީ އޮޅުވާލާފަ. ޖޭއެސްސީން އެދިގެން އެކަންނުކުރަނީ. ޔާމީނަށް ދޭންއުޅުނު ލޮޓިވެސް ނުދެވުނީ ލައިވްކުރީމަ. އަދީބުގެ ޝަރީއަތް ލައިވްނުކުރަނީ އެބުނާ ފައިސާދިން ލިސްޓުގެ ކުރީގަހުރީ އިބޫ ދެން އެމްޑީޕީގެ މެމްބަރުން ގިނަ އަދަދަކަށް ތިބުމުން އެނަންތައް އަދީބު ބުނެފިނަމަ މިސަރުކާރުގެ ސޯޓު ތިރިވެދާނެތީ ގަންނާކުރައްވާ ބިރުން ލައިވްކުރަން ނުކެރެނީ. އިންސާފުއޮންނަނީ ވަރަށް ތިރީގަ ރައްކާތެރިކަމާއެކު.

    9
    1
  5. ރާސްތާ

    ފަޅާއަރުވާލާނެތީ ބިރުގަންނަނީ ތެދުވެރިކަންމަތީ ސާބިތުވެތިބީއްޔާ ލައިވުކޮށްބަލަ ކޮންކަމަކާތޯ ތިތެޅެނީ ރައީސްނަސީދަށްގޮވާލަން ސަރީއަތް ދެފުއްފެނަގޮތަށް ދައްކަން ތިކަންކުރެވޭނީ މަނިކުފާނަ ގާޒީގެ އެއްވެސް ތެދުވެރިކަމެއްނެތް މަނިކުފާނަކީ ދިވެހިންނަލިބުނު އަގުނުކުރެވޭ ޖަވާހިރެއް މިގައުމުގެވެރިކަން އަދިއެއްފަހަރު ރނަޝީދު

    4
    11
  6. ފުނަދޫ

    ތީމިނިވަން ބޮޑުފަނޑިޔާރުގެ ސީދާ ގާޒީވެސްތިބޮނޑި ބުއިމަ އެވާހަކަ އަދީބު ބުނެފާނެތީ ފަނޑިޔާރުކަލޭގެ މޭގަނޑުތެތެޅެނީ ގޮނޑީގަ އިންދަ ބުޅާގޯނިން ނިކުމެދާނެތީ އެއުޅެނީ