ކ. ގުރައިދޫގައި ކައުންސިލުން ބަލަހައްޓަމުން ދިޔަ ނަރުދަމާގެ ނިޒާމާއި ސްޓެލްކޯއިން ހަވާލުވެ އެރަށުގައި އިތުރު ފެން ޕްލާންޓެއް ބަހައްޓައިފިއެވެ.

މިއަދު ގުރައިދޫގައި އެކަމަަށްޓަކައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުގްނީ ވިދާޅުވީ ކުރިން ކައުންސިލުން ބަލަހައްޓަމުން ދިޔަ ނަރުދަމާގެ ހިދުމަތް އެކުންފުންޏާ ހަވާލު ކުރުމަކީ ލިބިގެންދާނެ ކުރިއެރުމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ސްޓެލްކޯގެ ކަރަންޓުގެ ހިދުމަތެކޭ އެއްފަދައިން މިކުންފުނިން ފެނާއި ނަރުދަމާގެ ހިދުމަތް ދިނުން އެއީ އަބަދުވެސް އެންމެ ބޮޑަށް ބޭނުންވާ ކަންތައް. ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގެ ތެރެއިން ސަރުކާރުގެ ބަޖެޓުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް ހަމަޖެހުމާއި އެކު ހިދުމަތް ދިނުމުގައި ނުވަތަ ހިދުމަތްތައް ފުޅާ ކުރުމުގައި އަޅުގަނޑުމެން އަބަދުވެސް އުޅޭނީ އެންމެ މަތީ ހަރުފަތުގައި" މުގްނީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނަރުދަމާގެ މަސައްކަށް ކުރުމަށް ބަޖެޓު ހަމަޖެހިފައިވާ ކަމަށް ސަރުކާރުގެ ކާމާބެހޭ ވުޒާރާތަކުން އެކުންފުންޏަށް އަންގާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި އަދި އެކަން އެނގުމާއި އެކު މަރާމާތުގެ މަސައްކަތް ފެށުމަށް އެކުންފުނި ލަސްކުރުމަށް ބޭނުން ނުވާ ކަމަށެވެ.

އަދިގުރައިދޫގެ ރައްޔިތުންނަކީ ނަރުދަމާގެ ގިނަ މައްސަލަތަކަކެއް ތަހައްމަލު ކޮށްފައިވާ ބައެއް ކަމަށާއި އެހެން ނަމަވެސް އެމަސައްކަތް އެކުންފުންޏާ ހަވާލުވެގެން ދިއުމުން އެމައްސަލަތަކަށް ހައްލު ހޯދައިދޭނެ ކަމަށް މުގްނީ ވިދާޅުވިއެވެ. މުގްނީ ވިދާޅުވީ އެހުރިހާ މަސައްކަތަކަށް ގާތްގަނޑަކަށް 7 މިލިއަން ރުފިޔާ ހަރަދުވެގެން ދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެރަށުގެ ނަރުދަމާ ނިޒާމަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެެވެ.

އެރަށުގައި ގާއިމްކޮށްފައިވާ ފެން ޕްލާންޓަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުގްނީ ވިދާޅުވީ އެއްކުންފުންޏަކުން ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމަކީ މަސައްކަތްތަކަށް ލިބިގެންދާނެ ފަސޭހަކަމެއް ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ މުގްނީ މީޑިއާތަކަށް މައުލޫމާތުދެއްވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"އެއްފުރާޅެއްގެ ދަށުން ހުރިހާ ހިދުމަތެއް ދިނުމުން ވާފަސޭހަ އަކީ ގިނަ ކުންފުނިތަކަކުން އެއް ރަށެއްގައި ހިދުމަތްދޭނަމަ އެއް ހިދުމަތްތަކެއް އެބަދޭ ރިޕީޓްވެގެން. މިހާރު މިސާލަކަށް ބުނާނަމަ އެޑްމިނިސްޓްރޭޓިވް މަަސައްކަތަކީ ކޮންމެ ހިދުމަތަކަށް ވަކިވަކިން ހަަމަ އެޑްމިނިސްޓްރޭޓިވް މުވައްޒަފުން ތިބެން އެބަޖެހޭ. އެގެ ބަދަލުގައި އެހެން ހެދުމުން އެއްބަޔަކަށް އެމަސައްކަތްވެސް ކުރެވިދާނެ" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މުގްނީ ވިދާޅުވީ މީގެ ކުރިން އެރަށުގައި ހުންނަނީ 60 ޓަނުގެ ފެން ޕްލާންޓެއް ކަމަށާއި ނަމަވެސް މިހާރުން ފެށިގެން 100 ޓަނުގެ ޕްލާންޓަކުން ހިދުމަތްދޭނެ ފެށުމަކީ އެކަމަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ. އަދި ކުރީ 60 ޓަނުގެ ޕްލާންޓުން ހިދުމަތް ދެމުން ދިޔަ އިރު އެތައް ފަހަރަކު ހިދުމަތަކަށް ބުރޫ އަރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަށުގައި ގާއިމްކޮށްފައިވާ ފެން ޕްލާންޓް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ކުރިން ހިދުމަތް ދެމުން ގެންދިޔަ ޕްލާންޓްގެ ބަދަލުގައި ދެން ބޭނުން ކުރަމުން އަންނާނީ 100 ޓަނުގެ ޕްލާންޓު ކަމަށާއި އެހެން ނަމަވެސް "ޑިމާންޑް" ބޮޑުވާ ވަގުތުތަކުގައި ކުރީގެ ޕްލާންޓް ވެސް ބޭނުން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުރައިދޫގައި ގާއިމްކޮށްފައިވާ ފެން ޕްލާންޓް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ގުރައިދޫ އަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ރަށެވެ. އެކާރިސާ އަށް ފަހު އެރަށުގެ ފެން ވަނީ ލޮނުވެފައެވެ. އަދި ގުރައިދޫ މާލެ އަތޮޅުގައި ލޯކަލް ޓުއަރިޒަމް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެއް ރަށް ކަމުން، ފެނާއި ނަރުދަމާ އަށް ދިމާވާ މައްސަލަ ތަކުގެ ސަބަބުން އެވިޔަަފާރިއަށް މީގެ ކުރިން ހީނަރުކަން އައިސްފައިވާ ކަމަށް އެރަށުން މައުލޫމާތު ދިން ބައެއް ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.