މާލޭގައި ހިނގާ އަލިފާނުގެ ހާދިސާތައް މަދުކުރުމަށް ނުވަތަ ގެއްލުންތައް ކުޑަކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ގައުމީ ޔުނިވަސިޓީގެ ޗާންސެލަރ ޑރ.ހަސަން ހަމީދު ހާމަކުރައްވައިފިއެވެ.

މީގެ ކުރިން ވެސް އިލްމީ ވަރަށް ގިނަ ދިރާސާތައް ކުރައްވާ ލިޔުންތައް ޝާޢިއު ކުރައްވާފައިވާ ޑރ.ހަސަން ހަމީދު ވަނީ 20 ސެޕްޓެމްބަރ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން މައިގަނޑު ހަތް ކަމެއް ފާހަގަ ކުރައްވާ އެކަންކަން ކުރެއްވުމަށް ލަފާދެއްވާފައެވެ.

ޑރ.ހަސަން ހަމީދު އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވި ލިޔުއްވުމެއްގައި ހާއްސަ ގޮތެއްގައި ފާހަގަ ކުރެއްވި ހަތް ކަމަކީ އަލިފާންނިވާ ލޮރީތަކަށް ނުވަދެވޭ ގޮތަށް އުޅަނދުތައް ޕާކު ނުކުުރުމާއި، އަލިފާނުގެ ހާދިސާއެއްގައި، ފެންލޮރީ ބާއްވާނޭ ތަން ކުރިން ފާހަގަކުރުމާއި ގެ އުސްވި ވަރަކަށް އިމުން އެތެރެއަށް ޖައްސަން ޖެހޭ މިންވަރު ބޮޑުކުރުމާއި އުސް ގެތަކުގެ ސިޑިތައް ހުންނަންޖެހޭ ގޮތާ ބެހޭގޮތުން ގަވާއިދެއް ތަންފީޒުކުރުމާއި ސިޑިގޮޅިތައް ހުންނަން ޖެހޭ ގޮތަށް ޚާއްޞަ ގަވާއިދުތަކެއް ތަންފީޒުކުރުމާއި ނިދާކޮޓަރިން ނުކުންނާނޭ އިތުރު ދޮރެއް ބެހެއްޓުމުގެ މުހިއްމު ކަމާއި އަދި އަލިފާން ނިވާނޭ ނިޒާމުގެ ގަވާއިދު ބަދަލުކުރުމެވެ.

ޑރ.ހަސަން ހަމީދު ލިޔުއްވާފައިވާ ގޮތުގައި އަލަށް ހަދާ ގެތަކުގައި، އަމިއްލަ ގޭގެ އެތެރޭގައި ޕާކުރުކުރުމަށް ވަކި މިންވަރެއްގެ ޖާގައެއް ދޫކުރުމަށް ސަރުކާރުން ކަނޑައަޅާފައި ވެއެވެ. ނަމަވެސް އޭނާގެ ނަޒަރުގައި ކަނޑައަޅާފައިވާ މިންވަރު މާކުޑަކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަނީ، ޢިމާރާތެއްގައިވާ ކޮންމެ ނިދާކޮޓަރިއަކަށް ސައިކަލެއް ޕާކުކުރެވޭނޭ މިންވަރަށް (14 އަކަފޫޓަށް) ގޭގައި ގަރާޖުކުރާނޭ ތަން ހެދުމަށެވެ. ނަމަވެސް ހިތާމައަކީ، ސަރުކާރުގެ ގަވާއިދު ވެސް ނުހިނގާކަމެވެ. އަޅުގަނޑުމެންގޭގައި ކައިރީގައި މީހަކު އެތައް ބުރިއަކަށް ގެއެއް އެޅީ ސަރުކާރުން ކަނޑައެޅިވަރަށް ގަރާޖެއް ލާފައެވެ. ދެން، ގެއަޅާ ނިމި، ހައުސިންގ މިނިސްޓްރީއިން ގޭގައި އުޅުމުގެ ހުއްދަ ލިބުމުން، ވެރިފަރާތުން ގަރާޖު ބަދަލުކޮށްލީ ސައި ހޮޓަލަކަށެވެ." ޑރ.ހަސަން ހަމީދުގެ ލިޔުއްވުމުގައި ވެއެވެ.

އަލިފާން ނިވާ ލޮރީއަކަށް އަބަދުވެސް ދަތުރުކުރެވޭނޭ ފުޅާމިން، ކަނޑައަޅައި، އެ ޖާގަ މަގުގައި ހުސްކޮށް އަބަދުވެސް އޮންނާނޭ ގޮތް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޤަވާއިދުތައް ހަދަން ޖެހޭނީ އަލިފާން ނިއްވާ ލޮރީއަކުން ގެއެއްގައި ހުޅު ހިފައިފިނަމަ، ނިއްވާލެވޭނޭ އުސްމިނަށް ކަމަށާއި މިއީ އެހެން "ސިޓީ" ތަކުގައި ވެސް ގަވާއިދު ހަދާ ގޮތް ކަމަށް ޑރ.ހަސަން ހަމީދު ވިދާޅުވިއެވެ. "ގަވާއިދު ހެދުމުގައި އިސްކަންދެނީ އެންމެ ފުރަތަމަ ސަލާމަތްތެރިކަމަށެވެ. ތަންތަން ކުއްޔަށް ދީގެން ވެރިމީހާއަށް ކުރާނޭ މަންފާއަކަށް ނޫނެވެ." ޑރ.ހަސަން ހަމީދު ލިޔުއްވާފައިވެއެވެ.

ޑރ.ހަސަން ހަމީދުގެ ލިޔުއްވުމުގައި އޭނާ ވަނީ ސިޑިތަކަށް ގެންނަންވީ ބަދަލުތައް ކުރެހުމުން ދައްކަވާ، އެކަންކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. "ރާއްޖޭގައި އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރަން ކުރަންޖެހޭ އެއްކަމަކީ، ޢިމާރާތްތަކުގައި ސިޑިތައް ހުންނަންޖެހޭ ހަމަތަކެއް ކަމާބެހޭ ފަރާތްތަކުން ކަނޑައަޅައި ތަންފީޒުކުރުމެވެ." ޑރ.ހަސަން ހަމީދު ލިޔުއްވާފައިވެއެވެ.

އަލިފާނުގެ ހާދިސާތަކުން ދިމާވާ ގެއްލުންތައް ކުޑަކުރުމަށް، އުސް ޢިމާރާތްތަކުގެ ސިޑިގޮޅިތަކުގައި ފަޔަރޑޯ ހަރުކުރުމާއި، ސިޑިގޮޅީގައި އިމަރޖެންސީ ބޮކި ހަރުކުރުމަށް ގަވާއިދުތައް ހަދަން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޭރު ޤައުމުތަކުގެ ގަވާއިދުތަކުގައި ނިދާ ކޮންމެ ކޮޓަރިއެއްގައި، އަލިފާން ހިފައިފިނަމަ ނުކުމެވޭ އެއް ކުޑަދޮރު ހުންނަން ޖެހޭ ކަމަށާއި މިއީ ބައިނަލްއަޤްވާމީ ހަމައެއް ކަމަށް ޑރ.ހަސަން ހަމީދު ވިދާޅުވިއެވެ. "މި ކުޑަދޮރަށް ކިޔާ ނަމަކީ އިގްރެސް ވިންޑޯ އެވެ. އިގްރެސް ގެ މާނައަކީ ނުކުންނަ މަގު ނުވަތަ ނުކުތުމެވެ. މި ކުޑަދޮރުގައި ހަތަރު ސިފައެއް ހުންނަން ޖެހެއެވެ." ޑރ.ހަސަން ހަމީދު ވިދާޅުވިއެވެ.

މާލޭގެ ޙާލަތަށް ރިއާޔަތްކޮށް، ޢިމާރާތްތަކުގައި ހުންނަ އަލިފާން ނިވާ ނިޒާމުތައް އަލުން މުރާޖަޢާ ކުރުމަކީ އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރެވޭނޭ ކަމެއް ކަމަށް ޑރ.ހަސަން ހަމީދު ވިދާޅުވިއެވެ.

"މި މަޒުމޫނުގައި މި ދަންނަވާލެވުނީ، މާލޭގައި 2019 ވަނަ އަހަރު ހިނގި އަލިފާނުގެ ބޮޑު ހާދިސާއިން، ގެދޮރު ބިނާކުރާގޮތުގެ ގަވާއިދުތަކަށް ގެންނަންޖެހޭ ބައެއް އިސްލާހު ތަކެވެ. އިޝާރާތް ކުރެވުނު ހާދިސާގައި އެކަކު ނިޔާވެފައި ވެއެވެ. އޭނާ ނިިޔާމަވިގޮތުން، ދިރިތިބީން ފިލާވަޅުތަކެއް ލިބިގަންނަން ޖެހެއެވެ. އެއިރުން، އެ ހިތްދަތި ހާދިސާއިން، ރަނގަޅެއް ވެސް ނުކުތީއެވެ. ހިނގާދިޔަ ހާދިސާއަކީ، އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގުން މަދުކުރުމަށް، ގަވާއިދުތައް އިޞްލާޙުކުރުމަށް ލިބުނު ފުރުޞަތެއް ކަމަށް ބަލަމާތޯއެވެ." ޑރ.ހަސަން ހަމީދު އޭނާގެ ލިޔުއްވުން ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.

ޑރ.ހަސަން ހަމީދު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުއްވުން މި ލިންކުން ފެނިވަޑައިގަންނަވާނެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނޫރު

    ބައްލަވާ ޑރ އަލިފާނުން ގޭގެ ވެރިންްނަށް ވާ ގެއްލުމާއި ކުއްޔަށް އުޅޭ މީހުންނަށް ވާ ގެއްލުމާއި ނުބައްދަލު . ޤަވާއިދެއް ނެރެންވީ ނޫންތޯ މީހުންގެ ގެދޮރު ހިލޭ ދޭން މަޖުބޫރު ވާގޮތައް

    3
    6
  2. އަހުމަދު

    ވިސްނުން ކޮށި ޑރ އެއް. ބަލަ ކަލެއަކަށް ނޭގޭތެ މާލެ މިއީ ތޮއްޖެހިފަ އޮތް ކުޑަ ތަނެއް ކަމެއް. ކަލޭގެ ތަލަ މެދުން މަގު ފުޅާ ކުރާގޮތަކަށް މިކަަންް ކަމެއް ނުވާނެ

    7
    7
  3. ތތތތ

    ތިޔައ ކަންކަން އިސްލާހު ކުރަން ޖެހޭކަމަށް މީގެ ކުރިންވެސް އިނގޭ. ރާއއްޖޭގެ ޕްލޭނިން ބިނާވެފަ އޮންނާނީ ކަމެއް ހިނގީމަ ފިޔަވަޅު އެޅުން. ކަމެއް ހިނގުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅެއް ނޯންނާނެ. މާލޭގެ ގެތައް ހަދާ މީހުން ބޭނުންވަނީ އެއްދުވަހުން މުއްސަންދިވާން

    2
    1
  4. ބޯކިބާ

    މިހިނގާ 21 ވަނަ ގަރުނުގައިވެސް ރާއްޖޭގެ ނަންހިނގާ "އިލްމުވެރިން"ގެ ލިޔުންތަކުގައި މިހުންނަނީ އަތިރިމަތީ އޮންނަ ދުވާޓްރެކެއްގެ ބޯމިނުގެ ވާހަކައާއި ރަށުތެރޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިވާހަކަ. މިކަމުން މިއެނގެނީ ޕިރަމިޑު ބިނާކުރިޒަމާނުގަ އުޅުނު މީހުންގެ ވިސްނުމުގެ ލެވެލްއަށްވެސް ދިވެހިންގެ ވިސްނުން އަދިވެސް ނުދާކަން.

    1
    1