ތ. އަތޮޅު ގާދިއްފުށީގައި ވައިރަލް ހުމެއް ފެތުރެމުން ދާކަމަށާއި ނަމަވެސް ރަށު ސިއްހީމަރުކަޒުގައި ފަރުވާދޭނެ ޑޮކްޓަރަކު ނެތް ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ގާދިއްފުށީ ކައުންސިލްގެ ކައުންސިލްގެ ރައީސް ހަސަން ޝިނާން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުގައި ވައިރަލް ހުމެއް ފެތުރެމުން ދާކަމަށާއި އެހެން ނަމަވެސް ޑޮކްޓަރެއް ނެތި "ގޮތް" ހުސްވެފައި ހުރިކަމަށެވެ.

"މިރަށުގައި ވައިރަލް ހުމެއް ފެތުރެމުން ދަނީ. ނަމަވެސް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނެތް މިވާގޮތުންނެއް" ޝިނާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން އެރަށުގައި ޑޮކްޓަރަކު ހުރެއެވެ. އެހެން ނަމަވެސް ޑޮކްޓަރު ވަނީ ޗުއްޓީ އަކަށް ގޮސްފައެވެ. އޭނާ ޗުއްޓީއަށް ދިއުމުން އެރަށަށް އެހެން ޑޮކްޓަރަކު އައެެވެ.

ނަމަވެސް އެ ޑޮކްޓަރު ތިމަރަފުއްޓަށް ފޮނުވާލަން ޖެހުނީ ކަމަށް ޝިނާން ވިދާޅުވިއެވެ.

ޝިނާން ވިދާޅުވީ އެރަށެކޭ އެއްފަދައިން އެއަތޮޅު ތިމަރަފުށީގައިވެސް ހުން ފެތުރެމުން ދާ ކަމަށެވެ. އެހެންވެ އެވަގުތު ތިމަރަފުށީގައި ޑޮކްޓަރެއް ނެތުމުގެ ސަަބަބުން އެރަށުގައި ހުރި އެ ޑޮކްޓަރު ތިމަރަފުށީ މީހުންނަށް ފަރުވާ ދިނުމަށް ދާން ޖެހުނީކަމަށެވެ. އަދި ކައުންސިލްގެ ފަރާތުން ޑޮކްޓަރަކު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިނާން ވިދާޅުވީ ޑޮކްޓަރެއް ބޭނުންވަނީ ހަމައެކަނި ހުމެއް ފެތުރެމުންދާތީ ނޫން ކަމަށާއި، ކޮންމެ ވަގުތެއްގައިވެސް ކަމެއް ވެދާނެ ކަަމަށާއި އެފަދަ ދަނޑިވަޅެއްގައި ޑޮކްޓަރެއް ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ޑޮކްޓަރަކު ޗުއްޓީއަކަށް ދާނަމަވެސް އިތުރު ޑޮކްޓަރަކު ހަމަޖައްސައިދިނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. vaguthu

    Kendhooo chek kohlaafa habareh liyeba v avahah

  2. ފައިކޭޓު

    ނައިބުރައީސް ފައިސަލް ބުނި އެއްވެސް ސަރުކާރަކުން ސިއްހީ ކަންކަން ކުރިއަރުވަން މަސައްކަތް ނުކުރާ ވަރަށް މިސަރުކާރުން މަސައްކަތްކުރެޔޯ؟