މާލޭ ރައްޔިތުން ޕިކްނިކް ދާން ތަރައްގީކުރާ ރަށް ހެދުމަށް އާންމުންގެ ޚިޔާލު ހޯދަން ނިންމައިފިއެވެ.

އެނބުދޫ ފިނޮޅުގައި ހިއްކާފައިވާ ކްރޮސްރޯޑްގައި ތަރައްގީކުރަން ނިންމާފައިވާ ޕިކްނިކް އައިލެންޑާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް އާންމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގެ ހަކުރާ މާލަމްގައި ވަނީ ބައްދަލުވުމެއް ބާއްވަން ނިންމައިފަ އެވެ. ޕްލޭނިން މިނިސްޓްރީން ބުނީ އެ ބައްދަލުވުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 - 6:00 އަށް ކަމަށެވެ.

މާލޭ ރައްޔިތުން ޕިކްނިކްދާން ވަކި ރަށެއް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

އެނބޫދޫ ފިނޮޅުގައި ތަރައްގީކުރާ ރަށްތަކަށް މާލެއިން ފުރައިގެން 15 މިނެޓުގެ ތެރޭގައި ފެރީއިން ދެވޭނެއެވެ. ގާތްގަނޑަކަށް 3.3 ހެކްޓަރުގެ މިރަށުގައި މޫދު ކުޅިވަރުތައް ކުޅެވޭނެ އާލާތްތަކާއި، ބާބަކިއު އޭރިއާއެއްގެ އިތުރުން، ކިޑްސް ކްލަބް އާއި ފެމެލީ ރޫމްސް އަދި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޗޭންޖިން ރޫމް ހުންނާނެއެވެ. އަދި މީގެ އިތުރުން ލައިފްގާޑުން ވެސް މި ރަށުގައި ތިބޭނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެނބޫދޫ ފިނޮޅު ތަރައްގީކުރަނީ ތައިލެންޑުގެ ސިންހާ އެސްޓޭޓްގެ ސީއެސްއާރު މަޝްރޫއެއްގެ ގޮތުގައެވެ. މީގެ ކުރިން މާލެ ސަރަހައްދުގައި ދަތުރުދާން ބޭނުންކުރި ކުޑަ ބަނޑޮސް، ޓުއަރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ ސަބަބުން މާލެ ސަރަހައްދުގައި ދަތުރުދާނެ ރަށެއް ނެތި، ގިނަބަޔަކު އަންނަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.