މިއަދު މާލޭ ހެންވޭރުގައި ހުރި އިމާރާތަކުން ދުން އަރަމުން ދާތީ ގިނަ ބަޔަކު ވަނީ އެސަރަހައްދަށް އެއްވެފައެވެ. އަދި ސިފައިންގެ ފަޔަރ ޑިޕާޓްމަންޓުން އެސަރަހައްދުގައި އަލިފާން ނިއްވުމަށް ބޭނުން ކުރާ އަލާމާތްތަކާއި އެކު ހަރަކާތްތެރިވެމުން ދިޔަ މަންޒަރު ފެނި ފޮޓޯ އާއި ވީޑިއޯއިން އެވަގުތު މުޅި މީސް މީޑިއާ ހޫނުވެގެން ދިޔައެވެ.

ހެންވޭރު ތިލަފުށި ގޭގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ހިނގާ ދިޔަ އަލިފާނުގެ ހާދިސާއަށް ފަހު އަދިވެސް މާލޭގައި ދިރިއުޅެމުންދާ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެހާދިސާގެ ފަހުންވެސް އެހާ ބޮޑު ނޫނަސް ކުދި އަލިފާނުގެ ދެތިން ހާދިސާއެއް މާލޭގައި ވަނީ ހިނގާފައެވެ. އެހެން ނަމަވެސް މިއަދު ފެނުނީ އަލިފާނުގެ ހާދިސާއެއް ނޫނެވެ. އެއީ ސިފައިން ހިންގި ތަމްރީން ޕްރޮގްރާމެކެވެ.

"ޖައްރާފާ"ގެ ނަމުގައި އެމްއެންޑީއެފް އިން ކުރިއަށްގެންދިޔަ އެކްސްސައިޒްގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

އެމްއެން ޑީއެފް އިން ބުނީ ހ. ފޯވިންޑުގައި މިއަދު ކުރިއަށް ގެންދިޔައީ އެކްސެސައިޒް "ޖައްރާފާ 2019"ގެ ތަމްރީންތަކެއް ކަަމަށާއި އެތަމްރީންތައް މިއަދު ނިންމާލައިފައިވާކަަމަށެެވެ.

މި ބޭއްވުނު ފައިނަލް އެކްސަސައިޒްގައި ސަރުކާރުގެ އެކި ވުޒާރަތަކާއި އަމިއްލަ ބައެއް ޖަމްޢިއްޔާތަކުން ވަނީ ހަރަކާތްތެރިވެފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. އެގޮތުން ހަރަކާތްތެރިވެފައިވާ ބައެއް ފަރާތްތަކުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީ އާއި އައިޖީއެމްއެޗް އާއި އޭޑިކޭގެ އިތުރުން މޯލްޑީވްސް ރެޑް ކްރެސެންޓް ހިމެނޭ ކަމަށާއި އަދި އެމްއެންޑީއެފުން މި އެކްސަސައިޒުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ޔުނިޓްތަކުން ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

"ޖައްރާފާ"ގެ ނަމުގައި އެމްއެންޑީއެފް އިން ކުރިއަށްގެންދިޔަ އެކްސްސައިޒްގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި މި ތަމްރީނުތައް ކުރިއަށްގެންގޮސްފައިވަނީ މާލޭ، ހުޅުމާލޭ، ތިލަފުށި އަދި މާލެ ކައިރި ކަނޑުގެ ސަރަޙައްދުގައެވެ. އަދި އޭރިއާތަކުގައި ޤާއިމްކުރެވިފައިވާ ފަޔަރ ސްޓޭޝަންތަކުން މި އެކްސަސައިޒްގައި ބައިވެރިވުމުގެ ގޮތުން ފަޔަރ ސްޓޭޝަން ހުންނަ ރަށުގައި އަލިފާން ނިއްވުމާއި މީހުން ސަލާމަތްކުރުމުގެ އެކިއެކި ފަރިތަކުރުންތައް ވަނީ ބާއްވާފައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

"ޖައްރާފާ"ގެ ނަމުގައި އެމްއެންޑީއެފް އިން ކުރިއަށްގެންދިޔަ އެކްސްސައިޒްގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

އެކްސަސައިޒް ޖައްރާފާއަކީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އަމަލުކުރަމުން އަންނަ "ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭން" ޓެސްޓްކުރުމުގެ ގޮތުން ކޮންމެ އަހަރަކު ކުރިއަށްގެންދެވޭ އެކްސަސައިޒެކެވެ. މި އެކްސަސައިޒްގައި ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭންގައި ހިމެނޭ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޒިންމާއާއި މަސްޢޫލިއްޔަތުތަކާއި، އަލިފާންނިވާ މީހުންނަށް ލިބިފައިވާ ޢިލްމާއި ހުނަރު އަދި އަލިފާން ނިއްވުމަށް ބޭނުންކުރާ ތަކެތި އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން ފަރިތަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢިކުރާމްހަބީބު

    މާލޭގެ އުސްއިމާ ރާތްތައް ވަރައް ނުރައްކާ ދަންވަރު ނިދާފަ ތިއްބާ ތިރީގަ ރޯވެއްޖެނަމަ މަތީގަ ތިބިހާ ބަޔަކު ފިހި ހަލާކުވާނެ ވީމާ މާލެ ތޮއްޖެއްސުން ހުއްޓާލާ