މަސްތުގެ ހާލަތުގައި އިނދެ ސައިކަލު ދުއްވި މީހެއްގެ ސައިކަލާއި، އިތުރު ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭގައެެވެ.

ފުލުހުން ވިދާޅުވީ، މިއަދު 14:59 އެހާކަށްހާއިރު، ހުޅުމާލޭ ނިރޮޅުމަގުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށާއި، އަދި އެތަނުން އެއް ސައިކަލް ދުއްވި މީހާ މަސްތުގެ ހާލަތުގައި ސައިކަލް ދުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މިމީހާއަކީ ސައިކަލް ދުއްވުމުގެ ލައިސެންސް އޮންނަ މީހެއް ނަމަވެސް މި ހާދިސާ ހިނގި ވަގުތު ލައިސެންސް ނެތްކަމަށް ފުލުހުން ވިދާޅުވިއެވެ.

މަސްތުހާލުގައި އިނދެ ސައިކަލު ދުއްވީ އުމުރުން 30 އަހަރުގެ މީހެކެވެ. އޭނާގެ ސައިކަލުގެ ފަހަތުގައި އުމުރުން 28 އަހަރުގެ މީހަކު އިނެވެ.

މީގެ އިތުރުން އެކްސިޑެންޓްވި އަނެއް ސައިކަލް ދުއްވަން އިނީ އުމުރުން 30 އަހަގެ މީހެކެވެ.

މި ހާދިސާަގައި ތިން މީހުންނަށްވެސް ކުދި ކުދި އަނިޔާ ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު