ޑޫޒިއަންސް ފައުންޑޭޝަންގެ މެންބަރެއް ކަމުގައި ވާ އަހްމަދު ހައްސާންގެ ދަރި، އަލް މަރްހޫމް މުހައްމަދު އަހްމަދު ހަސަންގެ ހަނދާނުގައިި ރ. އަތޮޅު މީދޫގައި ކުޑަކުދިންގެ ގުރުއާން މުބާރާތެއް ބާއްވާއިފިއެވެ.

"ތުއްތު ކުދިންގެ ގުރުއާން މުބާރާތުގެ" ނަމުން މި މުބާރާތަށް ނަންދެވިފައި ވާއިރުު ޑޫޒިއަންސް ފައުންޑޭޝަންއިން މި މުބާރާތް އިންތިޒާމް ކޮށް ކުރިޔަށް ގެންގޮސްފައި ވަނީ މީދޫ ޕްރީސްކޫލް އާއި އަންހެނުންގެ ޖަމިއްޔާއާއި ގުޅިގެންނެވެ.

 

މި މުބާރާތުގައި އެއްވެސް ކުއްޖަކު ތަފާތު ނުކުރުމުގެ ގޮތުން އެއްވެސް ކުއްޖަކަށް ވަނަ ދީފައި ނުވާނޭ ކަމަށް އެ ޖަމިއްޔާގެ މެންބަރެއް ކަމުގައި ވާ ހުސައިން ނަޝީދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ. އަދި މުބާރާތް ދެ ދަންފަޅިއަކަށް ބަހައިލެވިގެން ކުރިޔަށް ގޮސް ނިންމާލެވިފައިވާ ކަމަށާއި މުބާރާތުގައި ބައިވެރިވެފައި 65 ކުދިންނަށް އިނާމް ދީފައި ވާނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މި މުބާރާތުގެ މަގްސަދަކީ ކުޑަކުދިންގެ ހިތްތަކުގައި ގުރުއާނަށް ލޯބި ޖެއްސުން" ހުސައިން ނަޝީދު ބުނެފައިވެއެވެ.

މިއީ އެ ޖަމިއްޔާގެ ފަރާތުން ބޭއްވުނު އެންމެ ފުރަތަމަ ބޭއްވުނު މުބާރާތަށް ވާއިރު ސިލްސިލާ ގޮތެއްގައި ކޮންމެ އަހަރަކު ވެސް މި މުބާާރާތް ބާއްވަން މަސައްކަތް ކުރާނޭ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި މި މުބާރާތް ކުރިއަށް އޮތް ތަނުގައި ޤުރުއާން މުބާރާތަކަށް ވުރެން ބޮޑަށް ޤުރުއާން ކިޔަވަން ދަސްކޮށްދޭ ކޭމްޕްތަކެއްގެ ގޮތުގައި ބޭއްވުމަށް ވިސްނާ ކަމަށްވެސް ބުނެފައި ވެއެވެ.