މާދަމާ އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަން ހަމަޖެހިފައިވާ ކަމަށް އައްޑޫގެ ރަށްރަށައް ކަރަންޓް ފޯރުކޮށްދެމުން އަންނަ ފެނަކަ އިން ބުނެފިއެވެ.

މާދަމާ އައްޑޫއިން ކަރަންޓް ކެނޑުމަށް ހަމަޖެހިފައިވަނީ ހިތަދޫގައި އަޅާފައިވާ ފްލެޓްތަކަށް ކަރަންޓް ދިނުމަށް ބަހައްޓާފައި ހުރި ޓްރާންސްފޯމަރު ފެނަކައިގެ ޑިސްޓްރިބިއުޝަން ނެޓްވޯކްއާއި ގުޅުވާލުމުގެ މަސައްކަތަށެވެ.

ކަރަންޓް ކެނޑުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 އިން މަސައްކަތް ނިމެންދެ ހިތަދޫގެ އެކި ސަރަހައްދުތަކުން އެއްގަޑި އިރަށެވެ. ފެނެކައިން ބުނެފައިވަނީ އެފަރާތުން މިހާރު ރާވާފައި އޮތްގޮތުން އެއްވެސް ކަހަލަ ހުރަހެއް އަދި މައްސަލައެއް ނުޖެހި އެ މަސައްކަތް ކުރެވިއްޖެނަމަ އިރުއޮއްސި 5:00 ޖަހާކަންހާއިރު މަސައްކަތް ނިމި ހުރިހާ ހިސާބަކަށް ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށެވެ.

އަދި ފެނަކައިން ވަނީ މިފަދަ ވަގުތުތަކުގައި ކަރަންޓް ބޭނުން ކުރާ ފަރާތްތަކުން މަދުން ކަރަންޓް ބޭނުން ކުރުމަށް އެދިފައެވެ. އަދި ކަރަންޓް ކެނޑޭވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ހިނދު، ރައްޔިތުންގެ ފަރާތުން އެފަދަ ކަންކަމަށް ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.