މާލެ އަދި ވިލިމާލޭގެ މަގުތަކާއި ޕާކުތައް ކުނިކަހާ ސާފުތާހިރުކޮށް ބެލެހެއްޓުމަށް މީހުން ހޯދުމަށް އިއްޔެ ހަވީރު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފެށި ވޯކިންގ އިންޓަވިއުއަށް ހާޒިރުވި 500 އަށް ވުރެ މީހުންނާއި އިންޓަވިއުކޮށްފިއެވެ.

މިއީ އިއްޔެ ކުރިއަށްދިޔަ އެ ކުންފުނީގެ ވޯކިންގ އިންޓަވިއުގައި ބައިވެރިވި މީހުންގެ އަދަދެވެ. ވެމްކޯ އިން މިއަދުވެސް ވޯކިންގ އިންޓަވިއުތައް ކުރިއަށްދާނެއެވެ. މި އިންޓަވިއު ކުރިއަށް ދަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ހުންނަ އެ ކުންފުނީގެ ވޭސްޓް ކަލެކްޝަން ސެންޓަރުގައެވެ.

ވަޒީފާއަށް ވެމްކޯއިން ހޯދަނީ 150 އަށްވުރެ ގިނަ ދިވެހި މުވައްޒަފުންނެވެ. ނަމަވެސް އިއްޔެ އެކަނިވެސް 509 މީހުންނާއި އިންޓަވިއު ކޮށްފައިވާކަމަށް ވެމްކޯއިން ބުނާއިރު، މިއީ ރެކޯޑަކަށްވުން ވެސް ގާތެވެ.

"ވަގުތު" އާއި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝިފާއު ވިދާޅުވީ، 160 އެއްހާ މީހުން ހޯދަން އިއުލާނުކުރި ވަޒީފާއަކަށް ގިނަ ބަޔަު ކުރިމަތިލާފައިވާކަމަށާއި، މިއަދުވެސް ގިނަ ބަޔަކު އަންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

އެމްޑީ ޝިފާއު ވިދާޅުވީ، ވެމްކޯގެ ވަޒީފާއަށް ޒުވާނުންވެސް ކުރިމަތިލައި، އިންޓަވިއުތަކަށް ހާޒިރުވިކަން ފާހަގަކުރެވުނު ކަމަށެވެ. އަދި މި ވަޒީފާތަކުގެ އިންޓަވިއުއަށް ދިޔަ 98 އިންސައްތަ މީހުންނަކީ އަންހެނުންކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

މިއަދު ކުރިއަށްދާ ވޯކިންގ އިންޓަވިއުވެސް ހަވީރު 16:00 އިން 18:00 އަދި މިރޭ 20:00 އިން 22:00 އަށް ކުރިއަށްދާނެއެވެ.

އިންޓަވިއުއަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ކޮޕީ އަދި ޕޮލިސް ރިޕޯޓް ގެންދަން ޖެހިވަޑައިގަންވާނެ އެވެ.

ނުވަ ދިހަ ހާސް ވަޒީފާ އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ. މިއަހަރު ކުރިކޮޅު ސަރުކާރުން އިއުލާން ކުރައްވާފައިވާ ގޮތުގައި 76000 ވަޒީފާ ވަނީ އުފެއްދިފައެވެ. ނުވަ ދިހަ ހާސް ވަޒީފާ އުފެއްްދުމުގައި ވައުދު ފުރިހަމަ ކުރުމުގައި ސަރުކާރުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ވާއިރު ވެމްކޯ ފާހަގަ ކުރެވެނީ ދިވެހިންނަށް ވަޒީފާ ހަމަޖައްސައި ދިނުމާއި އެކަށީގެންވާ ބޮޑު މުސާރައެއް މުވައްޒަފުންނަށް ދިނުމުގައި ވަރަށް ފާހަގަ ކޮށްލެވޭ ކުންފުންޏަކަށެވެ.