ރާއްޖޭގެ އެތެރޭގެ ބަޖެޓުން ހިންގަމުންދާ މަޝްރޫތައް ހަމައެކަނި ދިވެހި ކުންފުނިތަކަށް ދިނުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ބަޖެޓު ދިިރާސާކުރާ ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ އެތެރޭގެ ބަޖެޓުން ހިންގަމުންދާ މަޝްރޫތައް ހަމައެކަނި ދިވެހި ކުންފުނިތަކަށް ދިނުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ. އެކަން ކުރެވިއްޖެ ނަމަ ރާއްޖެއިން ބޭރުވާ ފައިސާގެ އަދަދު ކުޑަވެގެން ދާނޭ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ހިންގާ ޕްރޮޖެކްޓްތައް ހަމައެކަނި ރާއްޖޭގެ ކުންފުނިތަކަށް ދިނުމަށް އަޅުގަނޑުމެންގެ ޓެންޑާގެ މަސައްކަތްތައް ބަދަލު ކުރުމަށް މަސައްކަތް ކުރަމުން މިދަނީ. އިރާދަ ކުރެއްވިއްޔާ އެމަސައްކަތް އެގޮތަށް ކުރެވިއްޖެނަމަ އަޅުގަނޑުމެންނަށް ރާއްޖެއިން ބޭރުވާ ފައިސާގެ އަދަދު ކުޑަކުރެވޭނެ" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އެހެން ނަމަވެސް ބޭރުން ހަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓް ތަކުގައި ގިނަ ފަހަރަށް އެފަރާތަކުން ބައިނަލްއަގުވާމީ ގޮތުން ވާދަވެރި ބީލަމެއް ކިޔައި މަޝްރޫއު ހިންގުމަށް ޝަރުތު ކުރާ ކަމަށާއި، އެހެން އެކަން ވާކަމުގައި ވާނަމަ ބޭރުގެ ކުންފުންޏަކަށް މަޝްރޫޢު ހިންގުމަށް ލިބުމަކީވެސް އެކަށީގެންވާކަމެއް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެކަމަކު ބޭރުގެ ފަންޑެޑް ޕްރޮޖެކްޓެއް ކަމުގައި ވާނަމަ އެބަޔަކު އެބަ ރިކުއާ ކުރޭ އިންޓަނޭޝަނަލީ ކޮމްޕެޓިޓިވް ބިޑިން އަކަށް ދާން. އެގޮތަށް ދަންޏާ އަޅުގަނޑުމެންނަށް މޯރ ލައިކްލީ ބޭރުގެ ކުންފުންޏަކުން ވިން ވުމަކީވެސް އެކަށީގެންވާ ކަމެއް" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އަދި އެގްޒިން ބޭންކް ފައިނޭންސެއް ނަމަ އެ ބޭންކަކުން އެގައުމެއްގެ ބަޔަކާއި އެކު މަޝްރޫއު ހިންގުމަށްވެސް ޝަރުތު ކުރުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ބޮސްކާލިސް ކުންފުންޏާ ހަވާލު ކުރުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި ބައެއް އާންމު ފަރާތްތަކުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވަނިކޮސެވެ. އެފަރާތްތަކުން ވަނީ އެމްޓީސީސީ އަށް އެމަސައްކަތް ކުރެވޭނެ ކަމަށާއި ބޭރުގެ ކުންފުންޏަކަށް މަޝްރޫ ހިންގުމަށް ދީފައިވަނީ ކޮރަޕްޝަނުން ކަަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އެތެރޭ ބަޖެޓާއި ބޭރު ބަޖެޓާއި އުތުރު އެދުމަތީ ބަޖެޓުވެސް މިހާރު އޮންނަނީތަ؟ ތި ހުރިހައި ބަޖެޓެއް އަވަހަށް ކާލަ! މި ހުސްވި އަހަރުވެސް ހެދީ އެހެނެއްނު!

  2. ޢަލީ

    އެތެރޭބަޖެޓް ބޭރުގެ ބަޖެޓް ވަގުބަޖެޓް މީކީކޭތޯ ތިވިދާޅުވަނީ، އަހަރެމެންނަށް އޮޅުވާލަން މާމޮޅުވާހަކަ ދައްކާނެކަމެއްނެތް. ދައުލަތެއްވިއްޔާ އޮންނަންވާނީ އެއްބަޖެޓް. ތަފާތު ނަންނަމުގައި ބަޖެޓް ހަދައިގެން ކައި ހުސްކުރަންވެގެން ޖަހާހާމަޅިދޯ