އިންގްލިޝް ޕްރިމިއާ ލީގުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ލިވަޕޫލުން ލީގް ތާވަލުގެ އެންމެ ކުރީގައި އަށް ޕޮއިންޓްގެ ބޮޑު ލީޑެއް ނަގައިފިއެވެ.

މިސީޒަންގައި މިހާތަނަށް އިނގިރޭސިވިލާތުގައި ކުޅުނު އެންމެ ވާދަވެރި މެޗު ލިވަޕޫލުން ކާމިޔާބުކުރީ 3-1 އިންނެވެ. ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓުނު މި މެޗާއި ދެޓީމުން ކުރިމަތިލިއިރު ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް އޮތީ ތާވަލުގެ އެންމެ ކުރީގައި އޮތް ލިވަޕޫލާއި ދެމެދުއޮތް ފަރަގު ކުޑަކޮށް ތަށި ދިފާއުކުރުމުގައި ފިޔަވަޅެއް ކުރިއަށް އަޅަން ބޭނުންނަމަ މެޗުން މޮޅުވުން މަޖުބޫރުވެފައެވެ.

ކޯޗު ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލުން ފަހަކަށް އައިސް ނެރެމުން އަންނަ ނަތީޖާތަކުގެ ސަބަބުން އެޓީމާ ދެކޮޅަށް ކުޅެން ކޮންމެ ޓީމަކުން ވެސް ފަސްޖެހޭއިރު މެޗުގެ ކުރިން ސިޓީގެ ކޯޗު ޖޯސެފް ގާޑިއޯލާ ވެސް ބުނީ ލިވަޕޫލް ބަލިކުރުމަކީ އާދައިގެ ކުޅުމެއް ކުޅެގެން ކުރެވެން އޮތް ކަމެއް ނޫން ކަމަށާއި ހާއްސަގޮތެއްގައި އެންފީލްޑްގައި މޮޅުވުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. މިރޭގެ މެޗުގައި ކަންވީވެސް އެހެންނެވެ. ކްލޮޕްގެ ތޫނުފިލި ޓެކްޓިކްސްތަކުގެ މަޅީގައި ސިޓީ ޖެހުނުއިރު ލިވަޕޫލުން ވަނީ ފުރަތަމަ ފަނަރަ މިނެޓު ތެރޭ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ.

ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ހުއްޓުވުމުގައި ކީޕަރު ބްރާވޯ އަށް މާބޮޑު މަސަތްކަތެއް ނުކުރެވުނުއިރު އެ ލަނޑުގެ ކުރިން ލިވަޕޫލްގެ އޭރިއާ ތެރެއިން ޑިފެންޑަރު އެލްގްޒާންޑާ އަރްނޯލްޑްގެ އަތުގައި ބޯޅަ ޖެހުނުކަމަށް ބުނެ ސިޓީގެ ކުޅުންތެރިން ވަނީ ޕެނަލްޓީ އަކަށް ވަރަށް ބޮޑަށް އެޕީލްކޮށްފައެވެ.

ފަބީނިއޯގެ ހިތްގައިމު ލަނޑުން ލިވަޕޫލުން ލީޑުނެގިއިރު މެޗުގެ ތޭރަ ވަނަ މިނެޓުގައި އުފެއްދި އަވަސް ކައުންޓާ ހަމަލާއެއްގައި ޑިފެންޑަރު އެންޑްރޫ ރޮބަޓްސަން ނެގި ހުރަހެއްގައި ބޮލުން ބްރާވޯގެ ގޯލު ފޫއަޅުވާލައިގެން މިސްރުގެ ތަރި މުހައްމަދު ސަލާހު މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކުރީ މެޗުގެ 13 ވަނަ މިނެޓުގައެވެ.

އޭގެ ފަހުން ފަރަގު ކުޑަކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ތަޖުރިބާކާރު ފޯވަޑް ސާޖިއޯ އަގުއެރޯ އަށެވެ. މެދުތެރެއިން މިޑްފީލްޑަރު ކެވިން ޑެބްރައިނާ ދިން ބޯޅަ ހިފައިގެން ކުރިއަށްގޮސް އިދިކޮޅު އޭރިއާ އަރިމަތީގައި ހުރެ އަގުއެރޯ ތިރިތިރިން ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ. އޭގެ އިރުކޮޅެއް ފަހުން އަގުއެރޯގެ އިތުރު ހަމަލާއެއް ކީޕަރު އަލިސަން ބެކާ މަތަކުރިއިރު ޑިފެންޑަރު އެންޖެލީނޯ ފޮނުވާލި ހަމަލާ ދިޔައީ ލޮވްރެން ގައިގަ ޖެހިފައި ގޯލުގެ އަރިމަތިން ބޭރަށެވެ.

ލިވަޕޫލުން 2-0ގެ ލީޑެއްގައި އޮވެ ފުރަތަމަ ހާފު ނިންމާލިއިރު އެޓީމުން ދެވަނަ ހާފުވެސް ފެށީ ވަރުގަދަކޮށެވެ. އަރިމަތިން މިޑްފީލްޑަރު ހެންޑަސަން ނަގައިދިން ހުރަހެއްގައި ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން ފޯވަޑް ސާދިއޯ މާނޭ ލިވަޕޫލްގެ ލީޑް 3-0 ފުޅާކުރިއިރު، އޭގެ އިރުކޮޅެއްފަހުން ސިޓީ އިން އުފެއްދި ހަމަލާއެއްގައި އަރްނޯލްޑް ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ރަހީމް ސްޓާލިން ފޮނުވާލި ހަމަލާ ދިޔައީ ލޮވްރެން ގައިގަ ޖެހިފަ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ސިޓީން ވަނީ އަނެއްކާވެސް ޕެނަލްޓީ އަކަށް އެޕީލްކޮށްފައެވެ. ލިވަޕޫލްގެ އޭރިއާ ތެރެއަށް ވަދެގެން ދިޔަ ގަޑީގައި މާނޭ ސްޓާލިން އަށް ފައުލް ކުރި ކަމަށްބުނެ ސިޓީގެ ކުޅުންތެރިންގެ އިތުރުން އެޓީމުގެ ބެންޗުން ވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެވެ.

ފަރަގު ކުޑަކުރަން މެޗުގެ 67 ވަނަ މިނެޓުގައި އަގުއެރޯ އަށް އަނެއްކާވެސް ހުސް ފުރުސަތެއް ލިބިގެންދިޔައިރު އޭރިއާ ތެރެއަށް ޑެބްރައިނާ ތިރިތިރިން ނެގި ހުރަސް އަގުއެރޯ ފަޔަށް އެރުުމުގެ ކުރިން ޑިފެންޑަރު ވާޖިލް ވެންޑައިކް ވަނީ ބޯޅަ ބޭރުކޮށްފައެވެ.

ސުންކަނޑުވާލުމަށް ސިޓީން ކުރަމުން އައި މަަަސަތްކަތުގައި ފޮނި ރަހަލީ 78 ވަނަ މިނެޓުގައެވެ. އެގޮތުން އެންޖެލީނޯ ދިން ބޯޅައެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ބަރްނާޑޯ ސިލްވާއެވެ. އޭގެ ދެ މިނެޓް ފަހުން އިތުރު ލަނޑެއް ޖަހަން ސްޓާލިން އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ އަށް ބޯޅަ ފޮނުވާލެވުމުގެ ކުރިން ވެންޑައިކް ވަނީ ބޯޅަ ބޭރުކޮށްފައެވެ. މެޗުގެ 82 ވަނަ މިނެޓުގައި ސިޓީން ތިންވަނަ ފަހަރަށް ޕެނަލްޓީ އަކަށް އެޕީލްކުރި ނަމަވެސް ރެފްރީ އެކަމަށް ދިނީ ބީރު ކަންފަތެކެވެ.

ލިވަޕޫލުން މިރޭ ހޯދި މޮޅާއެކު އެޓީމަށްވަނީ ލީގުގައި މިހާތަނަށް ކުޅުނު ބާރަ މެޗުން 34 ޕޮއިންޓް ލިބިފައެވެ. މި ބައްޔާއެކު 25 ޕޮއިންޓާއެކު ސިޓީ ވަނީ ތާވަލުގެ ހަތަރު ވަނަ މަގާމަށް ވެއްޓިފައެވެ. ތާވަލުގެ ދެވަނައިގައި އޮތް ލެސްޓާ ސިޓީ އަށާއި ތިންވަނައިގައި އޮތް ޗެލްސީ އަށް ވަނީ 26 ޕޮއިންޓް ލިބިފައެވެ.