ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ގައުމީ ކްރިކެޓް ޓީމްގެ ކޯޗުގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ގައުމީ ކްރިކެޓް ޓީމުގެ ކޯޗު އާސިފް ޚާން ހައްޔަރުކުރީ އޭނާ ހައްޔަރުކުރަން ހައިކޯޓުން އަމުރު ކުރުމާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ވަގުތު"އަށް ވިދާޅުވީ، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދުގައި ބަހައްޓައިގެން ތަހްގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ދީފައި ވާ ކަމަށެވެ.

އާސިފް ޚާން އެންމެ ފުރަތަމަ ހައްޔަރުކުރީ އޮކްޓޫބަރު ފަސްވަނަ ދުވަހު، ވެލާނާ އިންޓަނޭޝަން އެއާޕޯޓަށް ފުރަން ގޮސް ހުއްޓައެވެ. އޭނާ ފުރަން މަސައްކަތް ކުރީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުންނެވެ.

ނަމަވެސް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ ހައްޔަރުކުރިތާ 24 ގަޑިއިރު ފާއިތުވި ފަހުން ކަމުން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީއެވެ.

އޭނާ ދޫކޮށްލަން ކޯޓުން އަމުރު ކުރުމުން ދޫކޮށްލި ނަމަވެސް ރާއްޖެ ދޫކޮށް އޭނާ އަށް ނުދެވުނީ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު