ސްޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަމުންދާ ސުލޫކީ މައްސަލާގެ އަޑުއެހުން މާދަމާ ބާއްވާ ގޮތަށް ނިންމައިފިއެވެ.

ފަނޑިޔާރު އާދަމް މުހައްމަދު އާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލާގެ އަޑުއެހުން ބާއްވަން މި މަހުގެ ހަތަރު ވަނަ ދުވަހަށް ތާވަލު ކުރިއެވެ. އެހެން ނަމަވެސް އެ އަޑުއެހުން ވަނީ ފަސްކޮށްފައެވެ.

އެ އަޑުއެހުން ފަސްކޮށްފައި ވަނީ، އޭނާ ދަތުރެއްގައި ފުރާވަޑައިގަަންނަވާތީ އެވެ.

ޖޭއެސްސީން މިއަދު ވިދާޅުވީ، ފަނޑިޔާރު އާދަމް މުހައްމަދު އާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލާގެ އަޑުއެހުން ހުޅުވާލައިގެން ކުރިއަށްގެންދާއިރު، މި އަޑުއެހުން އޮންނާނީ މާދަމާ މެންދުރު ފަހު 15:00 ގައި ކަމަށެވެ.

އަދި މި އަޑުއެހުމަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެބަ އޮތް ކަމަށްވެސް ޖޭއެސްސީން ވިދާޅުވިއެވެ.

ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައިގެ އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ވަކީލަކު ހޯދުމަށް އެންމެފަހު ފުރުސަތު ދީފައެވެ. އަދި ދެން އޮންނަ އަޑުއެހުމަށް ވަކީލަކު ހާޒިރުވެ ވަޑައިނުގެންނެވި ނަމަވެސް އަޑުއެހުން ކުރިއަށްގެންދާނެ ކަމަށް މައްސަލަ ބަލާ ޖޭއެސްސީގެ މައްސަލަ ބަލާ ކޮމެޓީން ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ގެ މައްސަލައިގެ ސުވާލުކުރުން ހުޅުވާލައިގެން ކުރިޔަށް ގެންގޮސްފައެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތާއި ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި ގުޅުން ހުރި ބައެއް ކަންތައްތަކެއްގެ ތުހުމަތު ދައުލަތުން ވަނީ ކޮށްފައެވެ.

އެ މައްސަލާގައި އަބްދުﷲ ދީދީ ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފައެވެ.