އިލެކްޝަންސް ކޮމިޝަންގެ މެންބަރުން
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ މުއްދަތުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭންޖެހޭ ފައިސާ ހަވާލުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް "ވަގުތަށް" ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނަނުން ކުރަމުންދާކަމަށާއި، ޤާނޫނުގައިވާ ގޮތުގެ މަތިން އެ ފައިސާ ޕާޓީތަކަށް ހަވާލުކުރާނެކަމަށެވެ.

"ޤާނޫނުގައިވާ ގޮތުގެމަތިން، ޤާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ކުރަންޖެހޭ ކަންކަން އިލެކްޝަންސް ކޮމިޝަނުން މިދަނީ ކުރަމުން، އިރާދަކުރެއްވިއްޔާ އެ މުއްދަތުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގެ އެންމެހާ ކަންކަން ނިންމާނަން" އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު، އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭންޖެހޭ ފައިސާ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ދޭންޖެހޭކަމަށާއި، އެ މުއްދަތު ފަހަނައަޅާ ގޮސްފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއެކު ބައްދަލުވުންތައް ބާއްވަން ތާވަލުކޮށް ދައުވަތު އަރުވާފައިވާއިރު، ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީން އެ ބައްދަލުވުންތަކަށް ހާޒިރުވެފައި ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކާ ބައްދަލުކުރަން މަސައްކަތް ކުރަމުންދަނީ ސިޔާސީ ޕާޓީތައް ހިންގުމާ ގުޅޭގޮތުން ހުރި ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބު އަދި ކުރިއަށް ރޭވިފައިވާ ގޮތުގެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާ ހިއްޞާ ކުރުމަށެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޭންޖެހޭ މުއްދަތު ފަހަނައަޅާ ގޮސްފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އެ މުއްދަތު ފަހަނައަޅައި ގޮސްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިއުޅެނީ ވަރަށް ވާހަކަ ބުނަން. 2012 ގައި އޭރު ކޮމިޗަނުގައި ތިބި މެންބަރުންގެ ނަޒާހަތޭ ކިޔަގެން މަޖިލިސް މެންބަރުނާ ސިއްރުޑިލެއް ހަދައިގެން ފަހުން ފާޅުގައި ނޫސްތަކަށާ މަޖިލިސް ކޮމިޓީގައި އަޑު އުފުލި 3 މީހުން މިހާރު ކޮމިސަން މެންބަރުކަމުގަ ނުފެނޭތަ؟ ވީގޮތް އެނގޭދޯ؟ މީވަރަށް ވާޙަކަ!!!