ރައީސް ޔާމީނަށް ކުރަނީ ސިޔާސީ ދަޢުވާއެއް ކަމަށާއި، އެމަނިކުފާނަށް "އެމީހުން" ބޭނުންހާ ގޮތެއް ހަދާއިރު ގޭގައި ނިދާފައި ނުތިއްބަވާނެ ކަމަށް ޕީއެންސީގެ ރައީސް، އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ޤާޒީ އަހްމަދު ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ ވެސް ރައީސް ޔާމީނަށް ކުރާ ސިޔާސީ ދަޢުވާގެ ޙުކުމަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށެވެ. އަދި ޤާޒީ ހައިލަމް އަށްވެސް އެތައް ގޮތަކުން ނުފޫޒު ފޯރުވޭތޯ މި ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

"ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަޤާމުގައި ހުންނެވި ބޭފުޅަކު އެތައް ފަހަރަކު ރައީސް އަށް އެތައް ފަހަރަކު ގުޅުއްވާފައިވޭ. ގުޅީކީއެއް ނޫން. މެސެޖްވެސް ކުރި. އެވަރުން ނުވެގެން ހައިލަމްގެ ގާތް ބޭފުޅުން މެދުވެރިކޮށްގެން ރައީސް ޔާމީން ޖަލަށް ލުމުގެ ޔަޤީންކަން ހޯދުމަށް ދިޔައީ މަސައްކަތް ކުރަމުން. އެހެންވެ އަޅުގަނޑުމެން މިދަންނަވަނީ މިއީ ސިޔާސީ ދަޢުވާއެކޭ. ސިޔާސީ އަނިޔާއެކޭ. މި އަނިޔާ ބަލައިގެން އަޅުގަނޑުމެން ބަލައިގެން ނުތިބޭނަން."

"ރައީސް ޔާމީންގެ ސަރުކާރުން އެމަނިކުފާނު މި ޤައުމަށް ގެނެސްދެއްވި ކުރިއެރުމާއި، ތަރައްޤީއާއި، ހަމަޖެހުން، މި ބޭފުޅުންގެ ވެރިކަމުގައި ހޯއްދަވައި ނުދެއްވޭނެތީވެ ކުރަމުންދާ ކަމެއް މިއީ. މިއަދު އަޅުގަނޑުމެންނަށް ފެނިގެންދަނީ އަމިއްލަ އެދުމުން ފޯވެފައިވާ ތިބި ބައެއް، އަމިއްލަ ޖީބުތައް ފުރާލަން ވެރިކަމަށް އައިސް ތިބި ބައެއް ފެނިގެން ދަނީ." އަދުރޭ ވިދާޅުވިއެވެ.

އަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅުވި ނަމަ، މިހާރުވެސް ބޭރަށް ވަޑައިގެން ފިއްލަވަން ވީ ކަމަށާއި، ނަމަވެސް ރައީސް ހުންނެވީ އެމަނިކުފާނުގެ ކުށެއްނެތް ކަން ދިވެހި ރައްޔިތުންނަށް ސާބިތުކުރެއްވުމަށްޓަކައި މިޤައުމުގައި ކަމަށެވެ.

"ރައީސް ޔާމީން ކުށެއް ކުރެއްވިނަމަ، އެމަނިކުފާނު ވެރިކަމުން ފޭބިތާ 1 އަހަރު މިވަނީ. ނަމަވެސް، ޑޮކްޓަރަކަށް ދައްކާލަންވެސް އެމަނިކުފާނު މިޤައުމުގެ ފަސްގަނޑުން ފައި ހޫރާނުލައްވާ، އެ މަނިކުފާނަކީ މަޢުސޫމް ބޭފުޅެއް ކަން ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދިނުމަށް. އެއީ ޤައުމަށް އިޚުލާސްތެރި ލީޑަރުންނަކީ. އެއީ ރައްޔިތުން ދެކެ ލޯބިވާ ލީޑަރުންނަކީ. އަޅުގަނޑުމެންނަށް ފެނިގެން ދިޔަ މީގެ ކުރިން ބައެއް ލީޑަރުން، އެއްބައި ބޭފުޅުން ވިޔަފާރި ކުރައްވަން ޖަރުމަނަށް ވަޑައިގަތީ، އެއްބައި ބޭފުޅުން ގޮނޑި ދުއްވަން ލަންޑަނަށް ވަޑައިގަތީ. މިއީ އަޅުގަނޑުމެންގެ ލޯކުރިމައްޗަށް ފެނުނު ކަންތައްތައް." އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޮނޑާ

    އެހެންތަ؟ ކަލޭ ނުނިދާނަން. ތިހެން އަޑުގަދަ ކުރާމީހުންނަކީ އެއްވެސްކަމެއްވާބައެއްނުން.. މަކަރުން ކަމެއް ކުރާކަން ދެއްކެންތިއުޅެނީ. ތިހެންއުޅެފަ ފިލާނެ. ކަލޭ ތީ އަދުރޭ އެއްނުންތަ؟ ކަލޭގެ ކަންތައް ހުންނަގޮތް މާރަނގަޅައްވެސް އަހަރުމެންނައް އިގޭ.

    2
    1