އެމްޑީއެން އުވާލާނެ ކަމަށް ބުނުން ނޫން އިތުރު ކަމެއް މި ސަރުކާރަށް ކުރެވިފައި ނުވާ ކަމަށާއި، އަދިވެސް އެމްޑީއެން އަށް ނިސްބަތްވާ މީހުންނަށް ރައްޔިތުންގެ ބައިތުލްމާލުން މުސާރަ ދެމުން ގެންދާކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިހެން ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުމުގެ ގޮތުން ރޭ ޕީޕީއެމް-ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުމެންގެ ރައްޔިތުންގެ ބޮލުގައި ވަނީ ކޮޅުފައިން ޖަހާފައި. ރިޕޯޓު ނެރެފައިވާ ޖަމިއްޔާ އުވާލާނެ ކަމަށް ވަރަށް ލޮނު މަޑު ގޮތެއްގައި ބުންޏަސް، އެހެން ބުނުން ފިޔަވައި ކުރެވުނު ކަމެއް ނެތް. އެ ޖަމިއްޔާ އަށް ނިސްބަތްވާ މީހުންނަށް އަދިވެސް އެ ދަނީ ރައްޔިތުންގެ ބައިތުލްމާލުން މުސާރަ ދެމުން. އަޅުގަނޑުމެންނަށް ނޭނގި ތިބެގެން ވެސް، އަޅުގަނޑުމެންގެ އަމިއްލަވަންތަ ކަމާއި، މިނިވަންކަންވެސް ނަގާލަން ދަނީ މަސައްކަތްތަކެއް ކުރެވެމުން،" ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަމުން ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިންގް މިނިސްޓަރުގެ މަޤާމު ފުރުއްވާފައިވާ ޑރ.މުއިއްޒު ވިދާޅުވީ ދަޢުލަތުގެ 3 ބާރުވެސް މިހާރު ވަނީ ރައީސުލްޖުމްޙޫރިއްޔާ އާއި މަޖިލިސް ރައީސްގެ މަޝްވަރާގެ ތެރެއިން އެބޭފުޅުންގެ ބާރުގެ ދަށަށް ގެނެސްފައި ކަމަށެވެ. ފެންނަމުންދަނީ 3 ބާރު މަސްހުނިކޮށްގެން ވެރިކަން ކުރާތަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެރިކަމުގައި ތިބިއިރު، އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ ސަރުކާރުން ޖުޑިޝަރީގެ ތެރެއަށް އަތްބާނަނީ އޭ. ހަގީގަތަކީ ރައީސް ޔާމީންގެ ސަރުކާރުން ޖުޑިޝަރީ އަށް އެއްވެސް ބާރެއް ފޯރުވާފައެއް ނުވޭ. ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވީ. މި ސަރުކާރުން ފެނިގެން ދަނީ ރައީސުލްޖުމްހޫރިއްޔާ އިން ފެށިގެން، މަޖިލިސް ރައީސް އާއި، މިނިސްޓަރުން ހިމެނޭހެން ޖުޑިޝަރީ އަތް އަތްބޭނުމުގެ މަސައްކަތް ކުރަމުންދާތަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވަން މި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަތަން ފެންނަ ކަމަށާއި، އެ ފުރުސަތު މި ސަރުކާރަށް ނުދެއްވާނެ ކަމަށެވެ. ޤައުމީ ޒިންމާ އަދާކުރައްވާ ބަޔަކަށް ރައްޔިތުން ވާން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެންދެރި

    މިފަހަރު އެމްޑީޕީ ން ކުރިމަތިލާ ކައުންސިލް މީހުންނަށް.ނޫނެކޭ ބުނާނަމެވެ. ބޭން.އެމްޑީ އެން ...

    11
  2. ސުވޭސް

    ނޫމަޑިން މުސާރަ ނަގަނީ މުއިއްޒު

    2
    9