ރާއްޖޭގައި ސްކައުޓް ހަރަކާތުގައި ލިބޭ އެންމެ މަތީ ދެ އެވޯޑް ކަމުގައި ވާ ޕްރެސިޑެންޓަލް ސްކައުޓް އެވޯޑް އާއި ބީޕީ އެވޯޑާއި އެކު މަޖީދިއްޔާގެ 2 ރޯވާ ސްކައުޓެއްގެ ނަން ތާރީޙުގެ ތެރޭގައި ފަލަ އަކުރުން ފަވާލެވިގެން ހިނގައްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމެއް ކަމަށްވާ ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވާރޑް ( ޕްރެސިޑެންޓަލް ސްކައުޓް އެވޯޑް) 2017 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޚާއްސަ ޖަލްސާގައި އަބްދުﷲ ޔާފިޘް އަހުމަދު އަށާއި އިއުޖާޒް ޔަޒީދަށް އިއުޖާޒްއަށް ލިބިފައި ވާއިރު މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބޭއްވިގެން ދިޔަ ރަސްމިއްޔާތުގައި ބީޕީ އެވޯޑްވެސް މި ދެބޭފުޅުންނަަށް ލިބިފައިވެއެވެ.

މިގޮތުން ޔާފިޘް އަކީ ގައުމީ ޔުނިވާރސިޓީއިން ގާނޫނީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވަމުންގެންދަވާ، މިވަގުތު މަޖީދިއްޔާ ސްކޫލްގެ ސްކައުޓް ލީޑަރުކަން އަދި ދިވެހިރާޖޭގެ ސްކައުޓް ޖަމާއަތުގެ ހެޑްހެޑްކްއަރޓަރ ކޮމިޝަނަރ ފޮރ ފައިނޭންސްގެ މަގާމު އަދާކުރައްވަމުންގެންދަވާ ޒުވާނެކެވެ. ތާޖުއްދީން ސްކޫލާއި، މަޖީދިއްޔާ ސްކޫލުން ތަޢުލީމު ހާސިލު ކުރެއްވުމަށްފަހު، 2017 ވަނަ އަހަރު ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނުން މަތީ ޘާނަވީ ތަޢުލީމު ވަނީ ފުރިހަމަކުރައްވާފައި ވާއިރު ޔާފިޘް ސްކައުޓް ހަރަކާތާއި ގުޅިވަޑައިގަތީ 2006 ވަނަ އަހަރުގައިއެވެ. އެއަށްފަހު ރޯވަރ ސްކައުޓް ފަށްޓަވާފައިވަނީ، މަޖީދިއްޔާ ސްކޫލުގައި 2017 ވަނަ އަހަރުގައިއެވެ.

2017 ވަނަ އަހަރު ޔާފިޘް ވަނީ ސްކައުޓް އެސޯސިއޭޝަންގެ ބޭސިކް ލީޑަރ ޓްރޭނިންގ ކޯސް ފުރިހަމަކުރައްވައި، މަޖީދިއްޔާ ސްކޫލްގެ ސްކައުޓް ލީޑަރެއްގެ ގޮތުގައި ޚިދުމަތްކުރައްވަން ފައްޓަވާފައިއެވެ. 2018 ވަނަ އަހަރު ސައުތު ކޮރެއާގައި ބޭއްވުނު، ވަރލްޑް ޔޫތް ކޭމްޕުގައި އަދި އެއަހަރު ބޭއްވުނު އޭޝިއާ ޕެސިފިކް ސަރަހައްދުގެ ސްކައުޓް ޔޫތް ފޯރަމް އަދި ސްކައުޓް ކޮންފަރެންސްގައި ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވެއެވެ.

jumhooree dhuvahuge rasmihyyaathuge therein - Photo by presidential Office

މީގެ އިތުރުން އިއުޖާޒްއަކީ މެލޭޝިއާގެ ސެގީ ޔުނިވަރސިޓީން އިންޖިނިއަރިންގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވަމުންގެންދަވާ، މިވަގުތު މަޖީދިއްޔާ ސްކޫލްގެ ސްކައުޓް ލީޑަރުކަން އަދި ދިވެހިރާއްޖޭގެ ސްކައުޓް ޖަމާއަތުގެ ހެޑްހެޑްކްއަރޓަރ ކޮމިޝަނަރ ފޮރ އިންޓަރނޭޝަނަލް ސަޕޯރޓްގެ މަގާމު އަދާކުރައްވަމުންގެންދަވާ ޒުވާނެކެވެ. ކަލާފާނު ސްކޫލާއި، މަޖީދިއްޔާ ސްކޫލުން ތަޢުލީމު ހާސިލު ކުރެއްވުމަށްފަހު، 2017 ވަނަ އަހަރު ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނުން މަތީ ޘާނަވީ ތަޢުލީމު ވަނީ ފުރިހަމަކުރައްވާފައެވެ. އިއުޖާޒް ސްކައުޓް ހަރަކާތާއި ގުޅިވަޑައިގަތީ 2006 ވަނަ އަހަރުގައިއެވެ. އަދި 2014 ވަނަ އަހަރު މަޖީދިއްޔާ ސްކޫލުގެ “ބެސްޓް އޯލްރައުންޑް ސްކައުޓް”ގެ އިނާމުވެސް ވަނީ ލިބިވަޑައިގެންފައެވެ. އެއަށްފަހު ރޯވަރ ސްކައުޓް ފަށްޓަވާފައިވަނީ، މަޖީދިއްޔާ ސްކޫލުގައި 2017 ވަނަ އަހަރުގައިއެވެ.

2017 ވަނަ އަހަރު އިއުޖާޒް ވަނީ ސްކައުޓް އެސޯސިއޭޝަންގެ ބޭސިކް ލީޑަރ ޓްރޭނިންގ ކޯސް ފުރިހަމަކުރައްވައި، މަޖީދިއްޔާ ސްކޫލްގެ ސްކައުޓް ލީޑަރެއްގެ ގޮތުގައި ޚިދުމަތްކުރައްވަން ފައްޓަވާފައިއެވެ. 2018 ވަނަ އަހަރު ބޭއްވުނު އޭޝިއާ ޕެސިފިކް ސަރަހައްދުގެ ސްކައުޓް ޔޫތް ފޯރަމް އަދި ސްކައުޓް ކޮންފަރެންސްގައި ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވެއެވެ.

jumhooree dhuvahuge rasmihyaathuge therein
- Photo by presidential Office

މަޖީދިއްޔާ ސްކައުޓް ގްރޫޕްއަށް ނިސްބަތްވާ މި ދެބޭފުޅުންވެސް "ވަގުތު" އަށް މައުލޫމާތުދެމުން ބުނެފައިވަނީ ކުރިއަށްއޮތްތަނުގައި ވެސް ސްކައުޓް ހަރަކާތަށް އެކި ގޮތްގޮތުން ހިދުމަތްކުރައްވަން ދެމިތިއްބަވާނޭ ކަމަށެވެ.