ދައުލަތުގެ ދަތުރުތަކަކީ ހަރަދުު ކުޑަކޮށް ކުރެވިދާނެ ދަތުރުތަކެއް ކަމަށާއި އެ ދަތުރުތަކުގައި 20-30 މީހުން ގެންދާކަށް ނުޖެހޭ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު ރެޑްވޭވް އަހްމަދު ސަލީމް ވިދާޅެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 63 ވަނަ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ، މިކަމަކީ ކުޑަ ކުރެވިދާނެ ހަރަދުތަކެއް ކަމަށައި ފަސްޓް ކްލާސް ނުވަތަ ބިޒްނަސް ކްލާހުން ދަތުރު ކުރާކަށެއް ނުޖެހޭ ކަމަށެވެ. އަދި އެއް ދަތުރެއް އޮންނަ އިރު އޮފީސްތަކަށް އަންގައިގެން ދަތުރު ކުރާނަމަ ބޮޑުތަނުން އެ ހަރަދު ކުޑަވެގެން ދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޮންމެހެން ނުޖެހޭ ދާ ޓީމަކާއި އެކީ 20-30 މީހުން ގޮވައިގެން އެދަތުރު ކުރާކަށެއް. އަދި ބިޒްނަސް ކްލާހުގައި ނޫނީ ފަސްޓް ކްލާހުގައި ދަތުރުތަކެއް ކުރާކަށެއް. ދައުލަތުގެ ދަތުރެއް ކުރާއިރުގައި ވީހާވެސް މަދު މީހުން ބޭނުން ކޮށްގެން އަދި ތަފާތު އެއްދަތުރެއް އޮންނަ އިރު ތަފާތު އޮފީސްތަކަށް އެނގިގެން އެދަތުރުތައް ކުރާނަމަ އަދި ރާއްޖޭގެ ތެރޭގެ ރަށްރަށަށް ކުރާ ދަތުރުތައްވެސް ގުޅިގެން އެކި މިނިސްޓްރީއާއި ގުޅިގެން އެދަތުރު އެއްދަތުރަކަށް ހަދައިގެން ކުރެވޭނެ ނިޒާމެއް ހަމަޖެއްސިއަސް ދައުލަތުގެ ދަތުރު ހަރަދުތައްވެސް ވަރަށް ބޮޑަށް ކުޑަ ވެގެން ދާނެ" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިއީ އެއްވެސް ހާލެއްގައި ނުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ކަންތައްތަކަކީ ކުޑަކޮށް ވިސްނާލައިގެން ކުރެވިދާނެ ކަމެއް ކަމުގައެވެ.

"އިއްޒައްތެރި ރައީސް މިހިރަ މިހިރަ ކަންތައްތަކަކީ އަޅުގަނޑުމެން ކުރެވިދާނެ ކަންތައްތައް" ސަލީމް ވިދާޅުވިއެވެ.

މި ޖަލްސާގައި ދަތުރުފަތުރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސަލީމް ވަނީ ތާރީހުގެ ތެރެއިން މިސާލެއްގެ ގޮތުން އުމަރުގެފާނުގެ ދަތުރުފުޅުތަކާއި ބެހޭ ގޮތުންވެސް މަޖިލީހުގެ މެމްބަރުންނަށް މިސާލެއް ދެއްވާފައެވެ.

"އުމަރުގެ ފާނު ކުރައްވާ ދަތުރުފުޅުގައި އެކަލޭގެފާނު ބޭނުން ވަނީ އެހީ ތެރިއަކާއި ލިޔާ ކާތިބަކު. އިނގޭތޯ. އެހާ ކުޑަ މިންވަރަކުން އަޅުގަނޑުމެން އެދަތުރު ހަރަދުތައް، އަޅުގަނޑުމެންވެސް ވިސްނުން ބަހައްޓަން ޖެހެނީ އިސްލާމީ ތާރީހުގައި ކަން ހިނގާފައިވާ ގޮތަށް ހަރަދުތައް ކުރުމަށް" ސަލީމް ވިދާޅުވިއެވެ.