އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އަށް ފަހު މިއަދުގެ މަޖިލީހުގައި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވެސް ކާޝިދޫ ދާއިރާގެ މެމްބަރާއި ދިމާ ކޮށް ބަހުގެ ހަމަލާތަކެއް ދީފިއެވެ.

ޖާބިރު ވަނީ މީގެ ކުރިން ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތުގެ އެމްއެމްޕީއާރުސީގެ ވައްކަމުގެ ފައިސާއިން ރޮޒެއިނާ ގެސްޓްހައުސް އެއް އަޅާފައިވާ ކަަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެކަމަށް ރައްދު ދެއްވައި ރޮޒެއިނާ ވިދާޅުވީ، އޭނާ އެފަދަ ކަމެއް ކޮށްފައި ނުވާކަމަށާއި އެމައްސަލަ ތަހުގީގު ކުރަން ޖެހޭ އެއްވެސް ސަބަބެއްވެސް ނޯންނާނެ ކަމަށެވެ.

މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓް ބަހުސް އަށް ޖާބިރު ވާހަކަ ދައްކަވަން ފެއްޓެވުމުން ނާޝިޒު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ޖާބިރުގެ އަނގައިން ނުބައިވަސް ދުވާ ކަމަށާއި އޭނާ ޓެކްސް ނުދައްކަވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެގޮތުން ނާޝިޒު ވިދާޅުވީ، މަޖިލީހުގައި ދުވާ ވަހަކުން ތިބެބޭ ވަރެއް ނޫން ކަމަށާއި މަޖިލީހުގައި "ޑޯޕް ޓެސްޓް" ހަދަން ޖެހޭ ކަމަށެވެ. ނާޝިޒު މިފަދައިން ވިދާޅުވެފައިވާއިރު މީގެ ކުރިން ރޮޒެއިނާވެސް ވަނީ މަޖިލީހުގައި "އަލްކަހޯލް ބްރީތް ޓެސްޓް" ހެދޭނެ އިންތިޒާމް ގާއިމް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ނާޝިޒު ވިދާޅުވީ، ޖާބިރު މަޖިލީހުގައި ޓެކްސްއާއި ގުޅޭގޮތުން ވާހަކަ ދައްކާއިރު މިއިން އަހަރެއްގައިވެސް އޭނާ އެންމެ ޓެކްސްއެއްވެސް ދައުލަތައް ދައްކާފައި ނުވާ ކަމަށެވެ. އަދި އޭނާ މުވައްޒަފުންނަށް މުސާރަ ނުދޭ ކަންވެސް ނާޝިޒު ވަނީ ފާހަގަކޮށްފައެވެ.

"މި ތަނުގައި މި ޓެކްސްގެ ވާހަކަ ދައްކާއިރު، މި ވޭތުވެދިޔަ އަހަރެއްހާ ދުވަހު ނެތޭ ދައުލަތަށް އެންމެ ޓެކުހެއް ވެސް ދައްކާފައެއް. ދެން ކޮން ޓެކްސްގެ ވާހަކައެއްތޯ މި ދައްކަނީ. ކުލީގެ ގޮތުގައި އެބައޮތް 1.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން. ލާރި ދައްކާފައި މި ތަނުގައި ވާހަކަ ދައްކަބަލަ. ކިތައް މުވައްޒަފުންނަށްތޯ މުސާރަ ނުދީ ތިހުރީ. ވަގަށް އެހެން މީހުންނަށް ގޮވާއިރު ކާކުތަ މިއީ" ނާޝިޒު ވިދާޅުވިއެވެ.

ނާޝިޒުގެ މި ބަހުގެ ހަމަލާތަކަށް ރައްދު ދެއްވަމުން ޖާބިރު ވިދާޅުވީ، އޭނާ ސަރުކާރައް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށާއި ދައުލަތައް އެންމެ ގިނައިން ޓެކްސްވެސް ދައްކާފައިވަނީ އޭނާ ކަމަށެވެ. ޖާބިރު ވިދާޅުވީ، އެދެންނެވި ގޮތަށް ޓެކްސް ނަގައިގެން މުދާ ނަގާފައިވަނީ ނާޝިޒު އާއި އޭނާގެ އައުލާދުންގެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުދާ

    ސާބަސް . ތިއީ ޒާތީ ވާން ވަންނަ ތަނެއް ދޯ؟ ރޮޒައިނާ އަކީ ނިކަން ހަޑިމުޑުދާރު ވާހަކަ ދައްކާ އަންހެނެއް. އޭނާ އަކީ އަންހެނުންނަށް ހުތުރު އަރުވާލަން މަޖްލީހަށް ވަންނަމީހެއް.ކުރީ ނިހާނާ އަޅއިގެން އުޅުނީ މިހާރު ޖާބިރާ.

    11
    2