ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ކުރާ ތަހުގީގަށް މިއަދު ހާޒިރު ނުވީ އެ އަމުރަކީ ބާތިލް އަމުރެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ގެ ފަރާތުން ޤާނޫނީ ވަކީލެއްގެ ގޮތުގައި ހަމަ ޖެއްސެވި ޑރ މުހައްމަދު ޖަމީލް އަހުމަދު ދިވެހި ރާއްޖޭގެ ސުޕްރީމް ކޮޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަޖިލީހުގެ ފުލް ބެންޗްއިން ބަލަން ޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅާފައިވަނީ ގާނޫނު އަސާސީއާއި ހިލާފަތް ކަމަށް، މިކަމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގާނޫނު އަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ އަސާސީ ހައްގެއް ކަމަށާއި ގާނޫނު އަސާސީގެ 69 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ހައްގަކަށް ނުވަތަ މިނިވަން ކަމަށް އުނިކަމެއް ލިބޭނެފަދަ އަމަލެއް ކުރުމުގެ ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ހައްގު އެއްވެސް މީހަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ ދައުލަތަކަށްވެސް ލިބިދީފައި ނުވާ ކަމަށް އެބަޔާނުގައި ވަނީ ވިދާޅުުވެފައެވެ.

ހަމަ އެހެންމެ ޑރ. މުހައްމަދު ޖަމީލް އަހުމަދު، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ގެ ވަކީލެއްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމި ނިންމުމަކީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާއާއި 69 ވަނަ މާއްދާއާއި ކަނޑައެޅިގެން ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަން ސާފުކަން ބޮޑުގޮތެއްގައި އެނގޭ ކަމަށާއި އެއީ ސްޕްރީމް ކޯޓަށް ލިބިފައިވާ އަދުލު އިންސާފު ގާއިމު ކުރުމުގެ އިޚްތިޞާޞްގެ ތެރެއަށް ވަދެ ޖޭއެސްސީގެ ދުސްތޫރީ އިޚްތިޞާޞްގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަންވެސް އެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެންކަމުން ޖޭއެސްސީގެ ނޯޓިސްގައި ބަޔާންކޮށްފައިވާ މައްސަލަތައް ތަޙުޤީޤުކުރުމުގެ ނަމުގައި ފޮނުވާފައިވާ "ތަޙުޤީޤަށް ޙާޟިރުވުމުގެ އަމުރު" އަކީ އޭގެ ޒާތުގައި ބާޠިލް އަމުރެއްކަމުގައި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ދެކެވަޑައިގަންނަވާތީ އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 64 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެއްވެސް ފަރާތަކުން ކުރާ ޣައިރު ޤާނޫނީ އަމުރަކަށް ތަބާނުވުމަކީ، ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއްކަމުގައިވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ "ތަޙުޤީޤަށް ޙާޟިރުވުމުގެ އަމުރު" ގައި ބަޔާންކޮށްފައިވާ ތަޙުޤީޤަށް ޙާޟިރުވުމަށް އުޛުރުވެރިވެ ވަޑައިގަންނަވާކަމަށް މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އަންގާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަންގޮމާ

    ބާތިލް އަމުރެއްކަން ރައްޔިތުން މިފަހަރު ތަމެންނަށް ދައްކާލާނެ.

    11
    34
    • ކަނަމަނަ

      ތަމެންކޮންކަމަކާ ތިބޯގާނަނީ

  2. ކިނބޫ

    އެމްޑީއެން ގްރޫޕްގަނޑުވެސް އެންމެ ފުރަތަމަ ބަލާލާ ނޫހަކީ "ވަގުތު" ކަމުގައިވެ ނިމިއްޖެ. ތާލިޔާ ތާލިޔާ. ސަޅި.

    20
    3