އިންކަމް ޓެކްސްގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ދިވެހި މަސްވެރިންނަށް ކަމަށް މަޝްޙޫރު ވިޔަފާރި ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ

. ސިޔާމް މިވާހަކަ ހިއްސާކުރެއްވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، 2020 ވަނަ އަހަރުގެ ބަޖެޓް ބަހުސްގެ މަރުޙަލާގައި ވާހަކަފުޅު ދައްކަމުންނެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް އެލަޔަންސް ޕާޓީގެ ބާނީ، ސިޔާމް ވިދާޅުވީ ޤައުމަށް ކަންތައްތައް ކޮށްދެވޭނީ ވިޔަފާރިވެރިން ލާރި ދައްކައިގެން ކަމަށް އޭނާވެސް ޤަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، މިފަދަ ޓެކްސްއެއް ނަގާއިރު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށާއި، އިންކަމް ޓެކްސް ނެގުމުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ދިވެހި މަސްވެރިންނަށް ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އިންކަމް ޓެކްސް ނަގަން ވިސްނާއިރު، އެންމެ ބޮޑު ގެއްލުމެއް ލިބޭނީ މަސްވެރިންނަށް. މަސްވެރިންނަކީ 40،000 ރުފިޔާ ލިބޭ ބައެއް. އެމީހުން ދޯނިފަހަރުތަކާއި، އިންޖީނުތައް ގަންނަނީ ބޮޑެތި ލޯނުތައް ނަގައިގެން. މާލޭގައި 3 ކޮޓަރީގެ އެޕާޓްމެންޓެއް ލިބެނީ 30،000 ރުފިޔާއަށް، އެވްރެޖްކޮށް ދެމަފިރިންނާއި، 3 ކުދިން މާލޭގައި ދިރިއުޅެން 50،000 ރުފިޔާ އަރާނެ. ކިހިނެތްތޯ 40،000 ރުފިޔާ ލިބޭ މީހަކު އިންކަމް ޓެކްސް ދައްކާނީ. އެމީހުންނަށް ލިބޭ އަދަދަށްވުރެ އިތުރު އެއްޗެއް، ނޫނީ ދެކޮޅު ނުޖެހޭއިރުވެސް ޓެކްސް ނެގުމަކީ އެއީ ކުރެވިގެންވާނެ ކަމެއް ނޫން. އެފަދަ ކަންކަމަށް އަޅުގަނޑުމެން ކިޔަނީ ފޭރުން." ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ދިވެހިރާއްޖެއަށް ލިބޭ ފައިސާ ވަރަށް ގިނަ ކަމަށާއި، ނަމަވެސް މައްސަލަ އުފެދެނީ އެ ފައިސާ ހޭދަކުރާ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެން މި ހިންގާ ބޮޑެތި ކޮންމެ އިންވެސްޓްމެންޓަށް އެކަށީގެންވާ ފައިދާއެއް ލިބޭނެ އެއްޗަކަށް ހަދަން ޖެހޭ، މަސްވެރިކަމަކީ ވެސް ދިވެހި ރައްޔިތުންނަށް އާމްދަނީ ލިބޭނެ އެއްޗަކަށް ހަދަން ޖެހޭ. ދިވެހިރާއްޖެ މިއޮތީ ވަރަށް ތަޣައްޔަރު ނުވާ ހިސާބެއްގައި. މި މަސްތަކަށް ބައްޔެއް ނުޖެހޭ. ދިވެހިރާއްޖޭގެ ކަޅުބިލަ މަހަކީ ދުނިޔޭގައި ނެތްވަރުގެ މަހެއް ކަމަށް އެބަޖެހޭ މާކެޓް ކުރަން. ރަނގަޅު މޮޑެލްއެއްގެ މަސްވެރިކަން ކުރިއަށް ގެންދަން ޖެހޭ." ސިޔާމް ވިދާޅުވިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަމުން ސިޔާމް ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ކުރިއެރުމަށް ލޯބިކުރާ، ބައެއް ކަމަށާއި، ރައްޔިތުންނަށް ނަސީބު ދެއްވަނީ މާތްﷲ ގެ ހަޟްރަތުގައި ދުޢާކުރުން މަތީ ދެމިތިބޭތީ ކަމަށެވެ.

"އަބަދުވެސް ދިވެހިންނަކީ ތަރައްޤީ ހޯދަން ލޯބިކުރާ ބައެއް. އަމިއްލަވަންތަކާއެކީ ދުނިޔޭގައި އުޅުމަށްވެސް ލޯބިކުރާ ބައެއް. އަދި އެބައިމީހުންނަކީ ސަލާމް ޖެހުމާއި ފަޤީރުކަން ނައްތާލުމަށްވެސް މަސައްކަތްކުރާ ބައެއް. އަބަދުވެސް ކަމެއް ދިމާވެއްޖެނަމަ ﷲގެ ހަޟްރަތުގައި ދުޢާކުރުންމަތީ ދެމިތިބޭކަމީ ހަމަ ޔަޤީނުންވެސް އެމީހުންނަށް ނަސީބު ދެއްވާ ކަމެއް،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ 2020 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ބަލާއިރު ދަޢުލަތަށް ހުރިހާ އާމްދަނީއެއް ލިބެން އޮތީ ސަރުކާރުގެ އެކިއެކި ޓެކްސްތަކުން ކަމަށެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ މިހާރު ވަރަށް ބާރަށް ކުރިއަރައިގެންދާ ކަމަށާއި، ފަތުރުވެރިކަމަށް ބޭނުންކުރަން ދޫކުރާ އެނދުތައްވެސް އެއްވެސް ހަމައެއްނެތި އިތުރުވަމުންދާކަން ފާހަގަކުރަމުން ސިޔާމް ވިދާޅުވީ "ކިތަންމެ ބާރަކަށް ރިސޯޓުތައް ހެދިޔަސް، އެ ރިސޯޓުތަކަށް އަންނާނެ ބަޔަކު ރަނގަޅަށް މާކެޓު ނުކުރެވެންޔާ، ޓެކްސްތައް އިތުރަށް ނަގައިގެން އަޅުގަނޑުމެންނަށް ލިބޭނީ ގެއްލުން" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަގަރު

    ވަރައް ރަގަޅު ވާހަކައެއް.

  2. ލާސާނީ

    މަސްވެރިންނޭ ކިޔާފަ ޓެކްސް އަށް ފިލައިގެން އުޅެއްވިއްޖެ އެންނު.

    4
    1
  3. އަރިން

    މިހާރުވެސް މަސްވެރިންނަށްވާގެއްލުން ކުޑައެއްނޫން މަސްވެރިން ބާނާމަހުގެ އަގެއްހުރީކީނޫން ކޮންކަމެއް ކަލޭމެން ކޮއްދެނީ ކަލޭމެން ބޮޑުމުސާރަކައިގެން ތިތިބެނީނުން

    2
    1
  4. ހުސޭނުބޭ

    އިންކަމްޓެކްސް ނެގުން އެންމެ އުނދަގޫވާނީ މަސްވެރިންގެ އަތުން! އަތުން އަތަށް ދޭ ފައިސާއަކީ އޭގެ ރެކޯޑެއްވެސް އޮންނަ އެއްޗެއްނޫން! އިންކަމްޓެކްސް ނަގަންފެށީމާ އެވަގުތަކު އޮންނަ ސަރުކާރުން މަސްވެރިންނާ އޮޅުލާތަން ފެންނާނެ!